ދުނިޔޭގެ ވިޔަފާރި

މާކް ޒަކަބާގްއަކީ މިހާރު ސެންޓި ބިލިއަނަރެއް!


100 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ފޭސްބުކްގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް ސެންޓިބިލިއަނަރަކަށް ވެއްޖެއެވެ.

ސެންޓި ބިލިއަނަރުންނަކީ ސަތޭކަ ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ ފަރާތްތަކަށް ހާއްސަ ނަމެކެވެ. ޒަކަބާގްގެ އިތުރުން ސެންޓި ބިލިއަނަރުންގެ ގޮތުގައި ތިބީ، 189 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް އެމެޒޯންގެ ސީއީއޯ ޖެފް ބެޒޯސްއާއި، 113 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއެވެ.

ޚަބަރުތައް ބުނާގޮތުން މާކް ޒަކަބާގްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އިތުރުވެގެންދިޔައީ އޭނާގެ 13 އިންސައްތަ ހިއްސާ އޮންނަ ފޭސްބުކްގެ ހިއްސާގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ދިއުމުންނެވެ. މިގޮތުން ޓިކްޓޮކްއާ ވާދަކުރުމަށް ފޭސްބުކްގެ ދަށުން ހިނގާ އިންސްޓަގްރާމުން ތަޢާރަފްކުރި "ރީލްސް"އާއެކު ފޭސްބުކްގެ ހިއްސާގެ އަގުތައް 6.5 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޓިކްޓޮކްއާ އެއްގޮތަށް ތަރައްޤީކޮށްފައިވާ އިންސްޓަގްރާމް ރީލްސް ލޯންޗުކޮށްފައިވާއިރު، އެމެރިކާގެ 100 މިލިއަނެއްހާ މީހުން ބޭނުންކުރާ ޓިކްޓޮކް ކުރިއަށްއޮތް 45 ދުވަސްތެރޭގައި އެމެރިކާގައި މަނާކުރާނެއެވެ. އެހެންކަމުން ރީލްސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ޑިމާންޑެއް އޮންނާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފޭސްބުކްގެ ހިއްސާގެ އަގުތައް މައްޗަށް ދާއިރު، މިއަހަރު މިހާތަނަށް އެކުންފުނީގެ ހިއްސާގެ އަގުތައް ވަނީ 30 އިންސައްތަ އުފުލިފައެވެ. އެކަމުގެ ސަބަބުން ޒަކަބާގް މިލްކިއްޔާތަށް ވަނީ 22 ބިލިއަން ޑޮލަރު އިތުރުވެފައެވެ.

ޒަކަބާގްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ފޭސްބުކްއިން އޭނާއަށް ލިބޭ އާމްދަނީގެ 99 އިންސައްތަ ޗެރިޓީގެ ގޮތުގައި ހަދިޔާކުރާނެކަމަށް 2015 ވަނަ އަހަރު އޭނާ ވަނީ އިޢުލާންކޮށްފައެވެ.