ޚަބަރު

ރިޟްވާންގެ ގެއްލުވާލާފައިވާ ހާދިސާގެ މައްޗަށް ބަޔޮގްރަފީއެއް ނެރެފި


ވީނުވީ ގޮތެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާލައި ބަޔޮގްރަފީއެއް ނެރެފިއެވެ.

"ގެއްލުވާލި މައުސޫމް ދިވެހި ދަރިއެއް" މިނަމުގައި ލިޔެފައިވާ ބަޔޮގްރަފީގައި ރިޟްވާން ގެއްލުވާލި ހާދިސާ ހިނގާދިޔަ ގޮތާއި، ޝަރީއަތް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ލިޔެފައިވެއެވެ. އަދި މި ބަޔޮގްރަފީގައި ރިޟްވާނަށް ޚާއްސަ ލަވަޔަކާއި އޭނާގެ ދައްތަގެ ޚާއްސަ ލިޔުމެއްވެސް ހިމަނާފައިވެއެވެ.

ނޫސްވެރިއާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން މިހާތަނަށް ހިންގި ތަޙްޤީޤުން އެނގިފައިވާކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިޟްވާން ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާކަމަށެވެ.

ރިޟްވާން މަރާލި މީހުންނާއި ޔާމީން ރަޝީދު މަރާލި މީހުންނަކީ އެއް ބައެއްކަން އެނގިފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި އެމީހުން މަރާލާފައިވަނީ ދީނީ ހަރުކަށި ޖަމާޢަތްތަކުން ކަން އެނގޭކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ. ސުޢޫދު ވަނީ މި ޖަމާޢަތްތަކަށް ފަންޑު ލިބޭ ހުރިހާކަމެއް ހުއްޓުވަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ތަހުގީގަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.