ކުޅިވަރު

ނަޕޯލީ މެޗަކީ އޭނާގެ ފަހު މެޗަށް ވާން ނޭދެން: ސެޓިއެން


ޗެމްޕިއަންސް ލީގުގައި މިރޭ އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗަކީ ބާސެލޯނާގެ ކޯޗުކަމުގައި އޭނާގެ ފަހު މެޗަށް ވާންނޭދޭ ކަމަށް ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

އޭނާ މިހެން ބުނީ މެޗުން ބަލިވެ މުބާރާތުން ކަޓައިފިނަމަ ކޯޗުކަމުން އޭނާ ވަކިކުރާނެ ކަމަށް ދެކެވޭ ވާހަކަތަކާމެދު ނޫސްވެރިން ސުވާލުކުރުމުންނެވެ.

ސެޓިއެން ބުނީ ނަޕޯލީ އަކީ އިޓަލީގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. ހާއްސަކޮށް އިޓާލިއަން ލީގުގައި އެންމެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅޭ އަދި އެންމެ ވަރުގަދަ ޑިފެންސް އޮތް ޓީމަކީ ނަޕޯލީ ކަމަށެވެ.

"މިހެންވީމަ އެމީހުން އިދިކޮޅު ޓީމު ރޫޅާލާނެ. އަހަރުމެން އެމީހުންގެ ކުޅުން ވަރަށް ބޮޑަށް ދިރާސާކޮށްފިން. އަހަރުމެން ދަނޑުމަތީގައި ވަރަށް ފަރުވާތެރިވާންޖެހޭ. އެމީހުން ބަލިކުރެވޭނެ ގޮތްތައް ހޯދަން އަހަރުމެންނަށް ލިބުނު ވަގުތުގެ ބޭނުން މިވަނީ ކުރެވިފައި،" ސެޓިއެން ބުންޏެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބު ނުކުރެވުމުން ޕްރެޝަރުގައި އޮތް ބާސެލޯނާގެ ކޯޗު ބުނީ ކޮވިޑް19ގެ ސަބަބުން މެދުކަނޑާލުމަށްފަހު ލީގު އަލުން ފަށައި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. ނަމަވެސް މި މެޗުގެ ކުރިން އަރާމުކުރަން ހަފުތާއެއްހާ ދުވަސް ލިބުމުން މިހާރު ކުޅުންތެރިން ތިބީ ތާޒާކޮށް ކަމަށާއި އާހިތްވަރަކާއެކު މެޗު ކާމިޔާބުކުރުމުގެ ރޫހު ޓީމުތެރޭގައި އެބައޮތް ކަމަށެވެ.
ސެޓިއެން ބުނީ ޓީމުގެ ފުރަތަމަ 11 ނިންމާނީ އެންމެ ވަގުތު ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ނަޕޯލީގެ ދަނޑުގައި މި ދެޓީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.