ވިޔަފާރި

އިމްޕޯޓްކުރާ މުދަލުން ރެވެނިއު ޗާޖެއް ނެގުމަށް ޓްރޭޑް ޔޫނިއަންއިން ގޮވާލައިފި


ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުން ރެވެނިއު ޗާޖެއް ނެގުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ގޮވާލައިފިއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން މިކަމަށް ގޮވާލީ، އެ ޔޫނިއަންއިން އިއްޔެ ނެރުނު ބަޔާނެއްގައެވެ.

ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި މުޅި ދުނިޔޭގެ އިޤްތިޞާދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ހީނަރުވެ ޢާމްދަނީ ލިބެމުން އައި ހުރިހާ ވަޞީލަތްތަކެއް މުޅިންހެން ހުއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިނާޒުކު ވަގުތުގައި ދިވެހި ދަޢުލަތުގެ ހިންގުން ދެމިއޮތުމަށްޓަކައި ދަޢުލަތަށް ޢާމްދަނީ ލިބެނޭ ގޮތްތަކެއް ހޯދަންޖެހޭކަމަށް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައިވެއެވެ. އެހެންކަމުން އިޤްތިޞާދީ މިހާލަތުން އަރައިގަނެވެންދެން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ޑިކްލެއަރކުރާ އަގުން އެއް ޕަސެންޓުގެ ރެވެނިއު ޗާޖެއް ދަޢުލަތަށް ނެގުމަށް ތާޢީދުކުރާކަމަށް ޓްރޭޑް ޔޫނިއަންއިންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ޝިޕިންގ އޭޖެންސީތަކާއި ލޯކަލް ފޯވަރޑުން ދިވެހި އިމްޕޯޓަރުންގެ އަތުން އެކި ނަންނަމުގައި ނަގަމުންދާ ނާޖާއިޒު ފައިސާ ނެގުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ކިޔާފައިވެއެވެ. އަދި އެފިޔަވަޅުތައް ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށްވެސް ގޮވާލާފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އެންމެ ސިނާޢަތަކަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް، ތަފާތު އިންޑަސްޓްރީތަކަށް މަގުފަހިވެފައިވާ ޢިޤްތިޞާދީ ނިޒާމެއް އަވަސް ގޮތަކަށް ވުޖޫދު ވާންޖެހޭކަމަށްވެސް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައިވެއެވެ.

ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ކޯވިޑް 19ގެ ސަބަބުން ރާއްޖޭގެ ނާޒުކު ޢިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތަށް ވަނީ ތަޢީދުކޮށްފައެވެ. އަދި ވަރަށް ގިނަ ބާވަތްތަކުން ޑިއުޓީ ކުޑަކޮށް އަދި ބައެއް އައިޓަމްތަކުން ޑިއުޓީ މަޢާފުކުރި ކުރުންވެސް ބަލައިގަންނަކަމަށް ޓްރޭޑް ޔޫނިއަންއިން ނެރުނު ބަޔާނުގައިވެއެވެ.

ޙަސަން

ތިގޮތަށް ދައުލަތުގެ ހާލު ރަނގަޅުކޮށް ނިންމާއިރު ރައްޔިތުން ތިބޭނީ ދަރަނިވެރިވެ ފަގީރުވެފައި