އެއަރ އިންޑިޔާގެ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓުވީޓެއްގައިވަނީ މިހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުއްވާކަމަށެވެ.
ކެރަލާއަށް ޖައްސަން މަސައްކަތްކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓުނު ހާދިސާގައި މިހާތަނަށް 17 މީހުން ވަނީ މަރުވެފައެވެ. އެ ޙާދިޘާގައި މަރުވި މީހުންގެ ތެރޭގައި މަތިންދާބޯޓު ދުއްވި ދެ ޕައިލެޓުންވެސް ހިމެނެއެވެ. އެ ޙާދިޘާގައި 100އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.
އެއަރ އިންޑިޔާގެ މަތިންދާބޯޓު ޖައްސަން މަސައްކަތްކޮށްފައިވަނީ އިންޑިޔާގެ ކެރަލާގެ ކަލިކަތު ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށެވެ. 190 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވާދީއަކަށް ވެއްޓި ދެ ފަޅިއަށްވަނީ ބިންދައިގެންގޮސްފައެވެ. އެ މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނެއެވެ.
އެއަރ އިންޑިޔާގެ މަތިންދާބޯޓު ކެރަލާއަށް ދަތުރުކޮށްފައިވަނީ ޔުއޭއީގެ ދުބާއީންނެވެ. އެ މަތިންދާބޯޓަކީ ކޯވިޑް-19ގެ ސަބަބުން ބޭރު ޤައުމުތަކުގައި ތާށިވެފައިތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށް ބޭނުންކުރި އެއަރ އިންޑިޔާގެ ބޮއިންގު 737 މަރުކައިގެ އުޅަނދެކެވެ.
މިއީ ކެރަލާއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިޘާތައް ހިނގާ ދުވަސްވަރެކެވެ.