ޚަބަރު

އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ރަންވޭމަތިން ކަހާލައިގެން ވެއްޓި 14 މީހުން މަރުވެއްޖެ


ކެރަލާއަށް ޖައްސަން މަސައްކަތްކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓި 14 މީހުން މަރުވެއްޖެއެވެ. އެ ޙާދިޘާގައި މަރުވި މީހުންގެ ތެރޭގައި މަތިންދާބޯޓު ދުއްވި ދެ ޕައިލެޓުންވެސް ހިމެނެއެވެ. އެ ޙާދިޘާގައި 123 މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ ތެރެއިން 15 މީހުންގެ ޙާލު ވަރަށް ގޯސްކަމަށް މަޢުލޫމާތު ލިބެއެވެ.

އެއަރ އިންޑިޔާގެ މަތިންދާބޯޓު ޖައްސަން މަސައްކަތްކޮށްފައިވަނީ އިންޑިޔާގެ ކެރަލާގެ ކަލިކަތު ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށެވެ. 191 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވާދީއަކަށް ވެއްޓި ދެ ފަޅިއަށްވަނީ ބިންދައިގެންގޮސްފައެވެ. އެ މަތިންދާބޯޓުން ދަތުރުކޮށްފައިވަނީ 184 ފަސިންޖަރުންނާއި 7 ފަޅުވެރިންނެވެ. އޭގެ ތެރޭގައި ފަސިންޖަރުންގެ ގޮތުގައި ދަތުރުކުރި 10 ކުޑަކުދިންވެސް ހިމެނެއެވެ.

އެއަރ އިންޑިޔާގެ މަތިންދާބޯޓު ކެރަލާއަށް ދަތުރުކޮށްފައިވަނީ ޔުއޭއީގެ ދުބާއީންނެވެ. އެ މަތިންދާބޯޓަކީ ކޯވިޑް-19ގެ ސަބަބުން ބޭރު ޤައުމުތަކުގައި ތާށިވެފައިތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށް ބޭނުންކުރި އެއަރ އިންޑިޔާގެ ބޮއިންގު 737 މަރުކައިގެ އުޅަނދެކެވެ.

މިއީ ކެރަލާއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިޘާތައް ހިނގާ ދުވަސްވަރެކެވެ.