ޚަބަރު

ބައިރޫތުގެ ގޮވުންތަކާ ގުޅިގެން 16 މީހުން ޙައްޔަރުކޮށްފި

ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ހިނގި ނުރައްކާތެރި ގޮވުންތަކާ ގުޅިގެން 16 މީހުން ޙައްޔަރުކޮށްފިއެވެ.

އޮގަސްޓު 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 157 މީހުން މަރުވެ، 5،000 މީހުންވަނީ ޒަޚަމްވެފައެވެ. ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނުގައި ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި، ބާރުގަދަ ކެމިކަލެއްކަމަށްވާ 2،750 ޓަނުގެ އެމޮނިއަމް ނައިޓުރޭޓު ރައްކާކޮށްފައިހުރިކަމަށް ލުބުނާނުގެ ރައީސް މިޝެލް އައުންވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި ބައިރޫތުގައި ނުރައްކާތެރި ޙާދިޘާއެއް ހިނގަން މެދުވެރިވީ ގުދަނުގައި ރައްކާކޮށްފައިހުރި އެމޮނިއަމް ނައިޓުރޭޓުގައި ހުޅުހިފުމުންނެވެ. ބާރުގަދަ ގޮވުންތައް ގޮވާފައިވަނީ ފަރުވާކުޑަކުރުމާއި އަޅައިނުލުމުގެ ސަބަބުންކަމަށް އެ ޙާދިޘާގެ އިބުތިދާޢީ ތަހުޤީޤުތަކުންވަނީ ހާމަވެފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ގުދަނުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކުރީ 2014ވަނަ އަހަރުއެވެ.

އެ ޙާދިޘާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 16 މީހުންގެ ތެރޭގައި ބައިރޫތުގެ ބަނދަރުގެ ޖެނެރަލް މެނޭޖަރުވެސް ހިމެނެއެވެ.
ލުބުނާނުގެ ދަޢުލަތުގެ ނޫސް އިދާރާ އެންއެންއޭއިން ބުނީ ބަނދަރުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ކަސްޓަމުގެ 18އަށްވުރެ ގިނަ މުވައްޒަފުންނާ ސުވާލުކޮށްފައިވާކަމަށެވެ. ބަނދަރުގެ މެނޭޖަރު ހަސަން ކޮރައިތަމާއި ލުބުނާނުގެ ކަސްޓަމުގެ ވެރިޔާ ހިމެނޭގޮތަށް ހަތް މީހުންގެ ބެންކު އެކައުންޓުތައް ހިފަހައްޓާފައިވާކަމަށްވެސް ލުބުނާނުގެ ބައެއް ނޫސްތަކުން ބުނެއެވެ. އަދި ގުދަނުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކުރިކަމަށް ތުހުމަތުކުރެވިފައިވާ ބަންދަރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވަނީ ގޭބަންދުކޮށްފައެވެ.

ޙާދިޘާއާ ގުޅޭ މަޢުލޫމާތު އެނގޭ ރަސްމީ މަސްދަރަކުން ބުނެފައިވަނީ ގުދަނުގައި ނުރައްކާތެރި މާއްދާއެއް ރައްކާކޮށްފައިވާކަން ސަރުކާރަށް އެނގޭކަމަށެވެ. ނަމަވެސް ގިނަ އަހަރުތައް ފާއިތުވިނަމަވެސް ރައްކާތެރިކަމާއެކު އެ ސާމާނު ގުދަންކުރުމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޭނާ ބުންޏެވެ.

ލުބުނާނުގެ ބޮޑުވަޒީރު ޙަސަން ދިޔާބުގެ އިތުރުން ރައީސް އައުންވަނީ އެ ޙާދިޘާ ހިނގި ގޮތް ފުރިހަމައަށް ތަހުޤީޤުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.