ޚަބަރު

ކައުންސިލްތަކާއި މަޝްރޫޢުތައް ހަވާލު ކުރުމުގެ މަސައްކަތް ނުހުއްޓޭ، ލަސްވަނީ ކޯވިޑް-19ގެ ހާލަތާއިހެދި- އެލްޖީއޭ


ލާމަރިކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާތަނަށް ކައުންސިލްތަކާއި މަޝްރޫޢުތައް ހަވާލު ނުކުރެވިފައިވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޕީއެސްއެއައިޕީ ބަޖެޓް ރިވައިސްކުރުމުގެ މަސައްކަތް ކުރިއަށްދާތީކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއިއެކު، 5 މިލިއަނުން ދަށުގެ ޕްރޮޖެކްޓްތައް ކައުންސުލްތަކާއި ހަވާލުކުރުމަށްވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭއިން ވިދާޅުވީ 5 މިލިއަންނުން ދަށުގެ މަޝްރުޢޫތަކާއި އަދި، އެ އަގަށްވުރެ މަތިން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ކައުންސިލްތަކުން ހިންގަން ބޭނުންވާ މަޝްރުޢުތައް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބަޖެޓް ރިވައިޒްކުރުމުގެ މަސައްކަތް ފިނޭންންސް މިނިސްޓްރީއިން ކުރަމުންދާތީ، އެއްވެސް ކައުންސިލަކާއި ރަސްމީކޮށް ޕީއެސްއައިޕީގެ މަޝްރޫޢުތައް ހަވާލުކޮށްފައިނުވިނަމަވެސް އެ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދާކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

އެލްޖީއޭއިން ވިދާޅުވީ ބައެއް ކައުންސިލްތަކުން، އެ ކައުންސިލްތަކުން ހަވާލުވާގޮތަށް މަޝްރޫޢުތަށް ހިންގަން އެދޭކަމަށެވެ. އަދި އަނެއްބައި ކައުންސިލްތަކުން އެލްޖީއޭ މެދުވެރިކޮށް މިފަދަ މަޝްރޫޢުތައް ހިންގަން އެދޭކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ އެއްބަސްވުންތަކުގެ ޑްރާފްޓްވެސް މިހާރު ހަދަމުންދާކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން މަޝްރޫޢުތައް ހިންގުމާ ގުޅޭ އުސޫލާއި، މާލިއްޔަތު ޤާވައިދަށް ކައުންސިލްތައް އަހުލުވެރި ކުރުމަށްޓަކައި ވަކިވަކި ކައުންސިލްތަކާއެކު އޮންލައިން ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ.

އެލްޖީއޭއިން ވިދާޅުވީ ކައުންސިލްތަކުން އެ ކައުންސިލްތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވަނީ މަސްމާރުކޭޓާއި، ދަނޑުވެރިންގެ މާރުކޭޓާއި، މަގު ބައްތިޖެހުމާއި އަދި މަރާމާތާއި ގުޅޭ މަސައްކަތްތައް ކަމަށެވެ. އެލްޖީއޭއިން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުއްދަދިއްހާ އަވަހަކަށް ކައުންސިލްތަކާއިއެކު އެއްބަސްވުންތައް ހަދައި، ފައިސާ ހަވާލުކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ފަސް މިލިއަނުން ދަށުގެ މަޝްރޫޢުތަށް ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމީ ލާމަރިކަޒީ ޤާނޫނަށް ގެނައި އިސްލާހާއިއެކު، ކައުންސިލްތައް ބާރުވެރިކޮށް ރަށްރަށަށް ވަންނަ އާމްދަނީ އިތުރުކުރުމަށެވެ.

ފިނޭންސް މިނިސްޓްރީއިންވަނީ މިފަދަ މަޝްރުޢޫތައް ކުރިއަށްގެންދާނެގޮތުގެ ޢުސޫލެއްވެސް ޢާއްމުކޮށްފައެވެ. ފިނޭންސްއިން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ކައުންސިލްތަކާ ޙަވާލު ނުކުރެވޭނީ ދިފާޢީ ބާރުތަކުން ހިންގާ ޤައުމީ ސަލާމާތާއި ގުޅުން ހުރި މަޝްރޫޢުތައް އެކަންޏެވެ. ޤައުމީ ސަލާމަތާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭނީ އެ މަޝްރޫއު ރާވާ ޤައުމީ އިދާރާއަކުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބޮޑެތި އިސްލާހުތަކާއިއެކު ލާމަރުކަޒީ ޤާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ލާމަރުކާޒީ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހާއެކު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އަދި ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، ރަށްރަށުގައި ހިންގާނެ މަޝްރޫޢުތައް ކަނޑައެޅުމުގެ ބާރުވެސް ވަނީ ކައުންސިލްތަކަށްދީފައެވެ.