ސިއްހަތު

9 ސަރަޙައްދަކުން ތެލެސީމިޔާ ޓެސްޓްކުރެވޭގޮތް ހަދަނީ


މާލެ ފިޔަވައި ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ތެލެސީމިޔާ ޓެސްޓް ކުރެވޭނެ އިންތިޒާމް މިއަހަރު ނިމުމުގެ ކުރިން ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ބްލަޑް ސާރވިސް އިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.މޯލްޑިވްސް ބްލަޑް ސާރވިސްއިން ދެމުންގެންދާ ބައެއް ޚިދުމަތްތައް އަތޮޅުތެރޭގެ ބައެއް ސަރަޙައްދު ތަކުގައި މިއަހަރު ނިމުމުގެ ކުރިން ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިކަމަށް ބޭނުންވާ މެޝިނަރީޒްތައް ގެންދެވި ގިނަ ސަރަހައްދު ތަކުގައި މެޝިނަރީޒް އިންސްޓޯލް ކުރެވިފައިވާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްވިދާޅުވިއެވެ. ތެލެސީމިޔާ ކުދިންނަށް ޚިދުމަތް ދިނުމުގައި އެ ކުދިންގެ ޢާއިލާއަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ފިލްޓަރާއި ބޭސްފަދަ ތަކެތި އެކުދިންނަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިޔާ ކުދިންނާއި މީހުންނަށް ބޭނުންވާ ބޭހާއި އެހެނިހެން ވަސީލަތްތައް ލުއިފަސޭހަގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން މޯލްޑިވްސް ބްލަޑް ސާރވިސްއިންވަނީ އެސްޓީއޯއާއި އެކު މަޝްވަރާކޮށްފައެވެ. މި މަޝްވަރާގެ އަލީގައި އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރ ތަކުން މިބޭސް ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި މިހާރު މިކަންތައް އޮތީ ފައިނަލް ވުމުގެ ހިސާބުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ."މާލެ ފިޔަވައި އިތުރު 9 ރީޖަނެއްގައި މިޚިދްމަތް ފެށޭނެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، ހއ. ދިއްދޫ ހޮސްޕިޓަލް، ގއ. ވިލިގިނލީ އަތޮޅު ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް މިތަންތާމގައި ޚިދްމަތް ދެވޭނެ. ބްލަޑް ފިލްޓަރ ކޮންމެހެން މާލެއިން ބޭރުން ލޭއަޅާ ލިބެންޖެހޭތީ ދެމަހުގެ ސްޓޮކެއް ކޮންމެ ބޭފުޅަކަށް އެރުވިފައިވަނީ" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ. މޯލްޑިވްސް ބްލަޑް ސާރވިސްގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި އެތަން މަރާމާތުކޮށް އިތުރު ވޯޑެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެބަޖެޓްގައި މޯލްޑިވްސް ބްލަޑް ސާރވިސްގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ދިނުމަށްޓަކައި، އޮނިގަނޑަށް މަޤާމްތައް އިތުރު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ލޭ އެޅުމަށް ބޭނުންވާ ފިލްޓަރ އާއި ޑެސްފަރޯލް މިއަހަރު ނިމުމުގެ ކުރިން އަތޮޅުތަކުން ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.