ޚަބަރު

އުމްރާއަށް ހުޅުވާލުމުގެ ފެހި ސިގްނަލް، ތައްޔާރީތައް ފަށައިފި


މި އަހަރުގެ ޙައްޖުގެ ކާމިޔާބީއަށްފަހު އަންނަ އުމްރާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ސައުދީ ސަރުކާރުން ފަށައިފިއެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައިވަނިކޮށް ވަރުގަދަ ފިޔަވަޅުތަކާއި އެކު 1000 މީހުންނަށް މި ފަހަރުގެ ޙައްޖުގެ އަޅުކަން ސައުދީ ސަރުކާރުން ކުރިޔަށް ގެންދިޔަ ފުރިހަމަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ވަނީ ތައުރީފުކޮށްފައެވެ. ސައުދީ ސަރުކާރުން ބުނީ މި ފަހަރުގެ ޙައްޖުގެ އަޅުކަމުގެ ކަންކަން ފުރިހަމަ ކުރި އެއްވެސް ޙައްޖާޖީއަކު ކޯވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށެވެ. އަދި ޙައްޖުގެ ކަންކަން އިންތިޒާމުކުރުމުގަ އާއި ޙައްޖާޖީންނަށް އެހީތެރިވުމުގައި އުޅުނު އެއްވެސް އޮފިޝަލަކުވެސް މި ބައްޔަށް ޕޮޒިޓިވްވެފައިނުވާކަން ސައުދީން ވަނީ ހާމަކޮށްފައެވެ.

ޙައްޖުގެ އަޅުކަމުގެ ކަންކަން ރާވާ އިންތިޒާމުތައް ހަމަޖެއްސުމާއި ކަންކަން ބެލެހެއްޓުމުގައި ދެހަފްތާ ވަންދެން ސައުދީ އޮފިޝަލުން މަސައްކަތްކޮށްފައިވެއެވެ. އެ ޤައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ ތާރީހީ ޙައްޖަށްފަހު އަންނަ އުމްރާ ސީޒަނަށް ތައްޔާރުވާން ފަށާފައިވާކަމަށެވެ. އަދި އުމްރާއަށް ތައްޔާރުވާން ފަށާފައިމިވަނީ ޙައްޖުގެ ދެ ހަފްތާގައި ކަންކަން ހިނގައިދިޔަ ގޮތް ބަލާ ވަޒަންކުރުމަށްފަހުކަމަށެވެ. އުމްރާގެ އަޅުކަމުގައިވެސް ޙައްޖުގައި ކަނޑައެޅި ސިއްޙީ އުސޫލްތައް ހިފަހައްޓާނެކަމަށްވެސް ސައުދީން ބުނެއެވެ.

ކޯވިޑް ބަލީގެ ނުރައްކާ ދުނިޔޭގައި ބޮޑުވެ އެ ބަލި ފެތުރޭ މިންވަރު އިތުރުވާން ފެށުމުން ޙައްޖާއި އުމްރާގެ އަޅުކަން މެދުކަނޑާލާ މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ބަންދުކުރީ މިއަހަރުގެ މާރިޗުމަހުގެ 20 ވަނަދުވަހުއެވެ. އޭގެފަހުން 2 މަހާއި 11 ދުވަސްފަހުން ނަބަވީ މިސްކިތްވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެހެންނަމަވެސް ޙަރަމްފުޅު ހަމައެކަނި އާއްމުކޮށް އަދި ހުޅުވާލީ މި ފަހަރުގެ ޙައްޖުގައި ބައިވެރިވި ޙައްޖާޖީންނަށް އެކަންޏެވެ.

ޙައްޖަށްފަހު އުމްރާގެ ކަންކަމަށް އާއްމުކޮށް ސައުދީ ހުޅުވާލަނީ މުހައްރަމު މަހުގެ 15ގެ ފަހުންނެވެ.

ސައުދީ އަރަބިއްޔާގައި އިއްޔެ އެކަނިވެސް ކޯވިޑް ބަލީގެ މުޅިން އާ 1402 ކޭސް ފެނިފައިވެއެވެ. އަދި 35 މީހަކު މިބަލީގައި އިއްޔެވަނީ މަރުވެފައެވެ. މައްކާ މަދީނާއަށް ބަލާއިރު މައްކާ އިން 249 މީހަކު އަދި މަދީނާއިން 60 މީހަކު އިއްޔެވަނީ މި ބައްޔަށް ޕޮޒިޓިްވެފައެވެ.

ސައުދީން މި ބަލި ޖެހުމު މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިހާތަނަށް 284،226 ( ދެ ލައްކަ އަށްދިހަ ހަތަރު ހާސް ދުއި ސައްތަ ސައްބިސް )މީހުނަށް މި ބަލިވަނީ ޖެހިފައެވެ. އަދި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 3 ހާހުން މައްޗަށް އަރާފައެވެ.