ޚަބަރު

ހއ ބޯޓްތަކަކުން އަނެއްކާވެސް ކޯވިޑް ކޭސްތަކެއް


ހއ. އިހަވަންދޫ އާއި އެއަތޮޅު ފިއްލަދޫން މާލެ ދަތުރުކުރާ ދެ ބޯޓަކުން 5 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލެތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ހއ އިހަވަންދޫ މާލެ ދަތުރުކުރާ ތަހުތު ބޯޓުން ދެ މީހަކު ކޯވިޑަށް ޕޮޒިޓިވްފެފައިވާކަމަށެވެ. މި ދެ މީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އަދި މި އެންމެނަކީ ކުރިން މި ބޯޓުން ޕޮޒިޓިވް މީހުންނާއި ގުޅުންހުރި ކޮންޓެކްޓްސްކަމަށްވެސް އެ ސެންޓަރުން ވިދާޅުވެއެވެ. މިރޭ ޕޮޒިޓިވް ދެ މީހުންނާއި އެކު އިހަވަންދޫ މި ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 5 އަރާފައެވެ.

މީގެކުރިން އިހަވަންދޫން ތަހުތު ބޯޓުގެ ފަޅުވެރިޔަކާއި 242 ނަމަކަށް ކިޔާ ބޯޓްގެ ކޭޝިއަރުވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މި މީހުން ކޯވިޑަށް ޕޮޒިޓްވުމުން އެމީހުންނާއި ބައްދަލުވެފައިވާ މީހުން ދެނެގަނެ އިހަވަންދޫ ވަނީ 42 ސާމްޕަލެއް ނަގާފައެވެ. މިރޭ ޕޮޒިޓިވްވި މީހުންނަކީވެސް އޭގެތެރޭގައި ހިމެނޭ މީހުންނެވެ.

މީގެއިތުރުން ހއ. ފިއްލަދޫން މާލެ ދަތުރުކުރާ ބީއެމްއެމްއޭ އެކްސްޕްރެސް ބޯޓުންވެސް ތިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީން ވިދާޅުވުވެއެވެ. މީގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަނގްލަދޭޝް 2 ރައްޔިތުންނެވެ. މި އެންމެނަކީވެސް ސަވާރީ ބޯޓުން ފެނުނު ކޭސްއާއި ގުޅުންހުރި މީހުންކަމަށްވެސް އެ ސެންޓަރުން ބުނެއެވެ. ސަވާރީ ބޯޓްގެ ކެޕްޓަނާއި އެ ބޯޓުން ދަތުރުކުރި ނުވަ މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މާލޭގެ އިތުރުން އަތޮޅުތެެރެއިން ކޯވިޑް ބަލީގެ މީހުން ފެންނަން ފެށުމުން މިހާރު ވަނީ މާލެއަށް އަރާ ފޭބުން މަނާކޮށްފައެވެ. ރަށްރަށުން ފެނުނު ގިނަ ކޭސްތަކަކީ ހޯމް ކަރަންޓީނަށް ގޮސް ތިއްބާ ފެންމަތިވި ކޭސްތަކާއި މާލެ ދަތުރުކުރާ ބައެއް ބޯޓްފަހުރުން ފެނުނު ކޭސްތަކެވެ.