 
										
			ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ ޕާޓީ ޕޮޑުޖުނާ ޕެރަމުނާ ޕާޓީއިން ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި ހޯދިކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ. 
މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ ޕާޓީ ޕޮޑުޖުނާ ޕެރަމުނާ ޕާޓީއިން ހޯދިކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ލީޑަރޝިޕްގައި ދެޤައމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި  އެމަނިކުފާނު ބޮޑު ވަޒީރުކަމުގެ އައު ދައުރުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އައު ދައުރުގައި ލަންކާއަށް އިތުރު ތަރައްޤީއަށް ރައީސް އެދިވަޑައިގެންނެވިއެވެ. 
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކުންވެސް ވަނީ މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ ޕާޓީ ޕޮޑުޖުނާ ޕެރަމުނާ ޕާޓީއިން ހޯދިކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ޓުވީޓްކުރައްވާފައެވެ. 
		
ރާއްޖެއިން ލިބުނު މަރުޙަބާގެ މެސެޖްތަކަށް ޖަވާބުދެއްވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ ޓުވީޓް ކުރައްވާފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމުގެ ލީޑަރޝިޕްގެ ދަށުން ލަންކާއާއި ރާއްޖޭގެ ގުޅުން އައު އުސްމިތަކަކަށް ދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
			މަހިންދަ ރާޖަޕަކްސަ ހޯއްދެވި ކާމިޔާބީއާއެކު އެމަނިކުފާނު ވެގެންގޮސްފައިވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ ދުވަހު ވެރިކަމުގެ ބާރުގައި ހުންނެވި ވެރިޔާއަށެވެ. 
21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ކުރިންވެސް މިފަހަރުގެ އިންތިޚާބުގައި ކާމިޔާބުހޯދާނީ ޢާންމުންގެ މެދުގައި މަޤުބޫލު އަދި ސްރީ ލަންކާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރ ރާޖަޕަކްސަގެ ޢާއިލާއިންކަމަށް ފެންނަ ނުފެންނަ ވޯޓުތަކުން ވަނީ ދައްކާފައެވެ. 
މި އަހަރުގެ ޢާންމު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 16 މިލިއަން މީހުންނަށްވަނީ ލިބިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮގުތައި މި އަހަރު ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 އިންސައްތައެވެ. އެއީ 2015ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި ވޯޓުލި މީހުންގެ ނިސްބަތަށްވުރެ 6 އިންސައްތަ ދަށް ޢަދަދެކެވެ. 2015ވަނަ އަހަރުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ 77 އިންސައްތައެވެ.