ޚަބަރު

42 އަހަރަށްފަހު ރަނިލްގެ ގޮނޑި ގެއްލި މަޖިލީހުން ބޭރުވެއްޖެ


ސާޅީސް ދެ އަހަރަށްފަހު ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކުރަމަސިންހަގެ ގޮނޑި ގެއްލިއްޖެއެވެ. ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި ރަނިލްގެ ޔުނައިޓަޑު ނެޝަނަލް ޕާޓީ، ޔޫއެންޕީއަށްވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ.

ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހަށް އުމުރުފުޅުން 71 އަހަރުގެ ރަނިލް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައިވަނީ 1977ވަނަ އަހަރުއެވެ. އޭގެ ފަހުން ފާއިތުވި 42 އަހަރުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިޚާބެއްގައި ވާދަކުރައްވާ ރަނިލްވަނީ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވައިފައެވެ. އެގޮތުން އެނާވަނީ ޖެހިޖެހިގެން އަށް ދަޢުރު މަޖިލީހުގައި ފުރުއްވައިފައެވެ. އޭނާ އެންމެ ފަހުން ޤާނޫނުހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވަނީ 2015ވަނަ އަހަރުއެވެ. އެ ފަހަރު އޭނާ އިންތިޚާބުވެވަޑައިގެންފައިވަނީ ރެކޯޑު ޢަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ.

ސްރީ ލަންކާގެ ސިޔާސީ މަޝްރަހުގައި މިހާރު ޙަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ބޭފުޅާކަމަށްވާ ރަނިލްވަނީ ތިން ފަހަރެއްގެ މަތިން އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުވެސް ފުރުއްވައިފައެވެ. އެގޮތުން ބޮޑުވަޒީރުގެ މަޤާމާ ރަނިލް އެންމެ ފުރަތަމަ ޙަވާލުވެވަޑައިގެންފައިވަނީ 1993ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން ބޮޑުވަޒީރުގެ މަޤާމުން ދުރުވެވަޑައިގެންފައިވަނީ 2019ވަނަ އަހަރުއެވެ.

1994ވަނަ އަހަރުން ފެށިގެން ޔޫއެންޕީގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވަމުންގެންދަވަނީ ރަނިލްއެވެ. ނަމަވެސް އޭނާއާ ޚިޔާލު ތަފާތުވެ، ޕާޓީގެ އިސް ސަފުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެ ބޭފުޅުންގެ ތެރޭގައި ޢާންމުންގެ މެދުގައި މަޤުބޫލު ސަޖިތު ޕުރެމަދާސަ ހިމެނިވަޑައިގަންނަވައެވެ.