ސިއްހަތު

ޑެންގީ ޖެހުނުކުއްޖާއަށް އިހުމާލުވެފައެއް ނުވާނެ - އައިޖީއެމްއެޗް


ޑެންގީހުން ޖެހިގެން އައި.ޖީ.އެމް.އެޗްގެ އައި.ސީ.ޔޫގައި ފަރުވާދެމުންދިޔަ 4 އަހަރުގެ ކުޑަކުއްޖާއަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު އައި.ޖީ.އެމް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. މިކަން ދޮގުކޮށް އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިމަހުގެ 27 ވަނަ ދުވަހު ޑެންގީހުން ޖެހިގެން އދ. މާމިގިލިން ގެނެވުނު އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖާއާމެދު އައި.ޖީ.އެމް.އެޗުން އިހުމާލުވެފައިވާކަމަށް ބުނެ، އެކުއްޖާގެ އާއިލާއާއި ހަވާލާދީ މީޑިއާގައި އާއްމުކޮށްފައިވާ ޚަބަރުގައި ހޮސްޕިޓަލުގައި ދިމާވި ކަންތައްތައް ކަމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ، ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ފަތުރާފައިވާ މައުލޫމާތުތަކެއްކަމަށެވެ. އައި.ޖީ.އެމް ހޮސްޕިޓަލުން ބުނީ އެކުޑަކުއްޖާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ "ސިވިއަރ ޑެންގީ ޝޮކް"ގައި ކަމަށާއި، ކުއްޖާ އިމަރޖެންސީ ރޫމަށް ގެނެވުނު ވަގުތުން ފެށިގެން އެކުއްޖާއަށް ފަރުވާދޭން ފަށާފައިވާކަމަށެވެ. އަދި އެމަރޖެންސީ ވޯރޑުގައި ފަރުވާދިނުމަށްފަހު މާގިނަ އިރުތަކެއްނުވެ ކުޑަކުދިންގެ ވޯޑަށް އެކުއްޖާ ބަދަލުކުރެވުނު ކަމަށާއި، އައި.ސީ.ޔޫގައި އެވަގުތު ހުސް އެނދެއް ނެތުމުން އެނދު ލިބުނުހާ އަވަހަކަށް އައި.ސީ.ޔޫއަށް ކުއްޖާ ބަދަލުކުރާނެކަންވެސް މައިންބަފައިންނަށް އަންގައި، ހަމަ އެދުވަހުގެ ހަވީރު ކުއްޖާ އައި.ސީ.ޔޫއަށް ބަދަލުކޮށްފައިވާކަމަށްވެސް އެހޮސްޕިޓަލުން ހާމަކުރެއެވެ. މި މައްސަލައާއި ގުޅިގެން އައި.ޖީ.އެމް.އެޗުން ބުނީ އެމަރޖެންސީގައިވެސް، އަދި ކުޑަކުދިންގެ ވޯޑުގައިވެސް އެކުއްޖާއަށް ދީފައިވަނީ އައި.ސީ.ޔޫގައި ދެވޭ ފަރުވާކަމަށާއި، އެކަން ކުޑަކުއްޖާގެ މަންމައާއި ބައްޕައަށްވެސް ކިޔައިދީފައިވާކަމަށެވެ. އައި.ޖީ.އެމް.އެޗްގައި މަސައްކަތްކުރާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވީ، ޑެންގީއަކީ މާބޮޑު ފަރުވާތަކެއް މިހާތަނަށް ހޯދިފައިނުވާ ބައްޔެއްކަމުން، ރާއްޖޭގައިވެސް މި ބައްޔަށް ފަރުވާދެމުންދަނީ ބޭރު ޤައުމުތަކުގައިވެސް ޑެންގީއަށް ފަރުވާދޭ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. އައި.ޖީ.އެމް.އެޗުން ވަނީ ކުއްޖާ ބަލަން ޑޮކްޓަރުން ނާންނަކަމަށާއި، ކުއްޖާއަށް ފިޓްޖެހުމުންވެސް އެއްވެސް ޑޮކްޓަރަކާއި ބައްދަލުނުވާ ކަމަށް ބުނެ އާއިލާއާއި ހަވާލާދީ ފަތުރާފައިވާ ޚަބަރުވެސް ދޮގުކޮށްފައެވެ. އެ ހޮސްޕިޓަލުން ބުނީ އެދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު ކުދިންނަށް ފަރުވާދިނުމުގައި އޮންކޯލްގައި ހުންނެވި ޑޮކްޓަރު ހޭދަކުރި ވަގުތާއި އަޅާބަލާއިރު އެންމެ އިސްކަމެއްދީގެން ފަރުވާދިނުމުގައި އެންމެ ގިނަ ވަގުތު ޑޮކްޓަރު ހޭދަށްކޮށްފައިވަނީވެސް އެކުއްޖާގެ ގާތުގައިކަމަށެވެ. އަދި ކުއްޖާގެ ހާލު އިތުރަށް ގޯސްވަމުންދިޔުމާއި ގުޅިގެން ޑޮކްޓަރުންނާއި މަޝްވަރާކުރުމަށްފަހު ވެންޓިލޭޓަރއަށް އެކުއްޖާ ލެވުނު ކަމަށާއި، އެކަން ވަރަށް ސާފުކޮށް އެކުއްޖާގެ މައިބަފައިންނަށް ކިޔައިދީ، ލިޔުމުން އެއްބަސްވެ، ސޮއިކޮށްފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. މީގެ އިތުރުން ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނުތާ ދެވަނަ ދުވަހު އެކުއްޖާއަށް ފިޓްޖެހުމުން އެކަމަށްވެސް ވަގުތުން ވަގުތަށް ފަރުވާދެވި، ކުއްޖާގެ ހާލު ދެރަކަން މައިންބަފައިންނަށް އަންގާފައިވާކަމަށް އެހޮސްޕިޓަލުން ހާމަކުރެއެވެ. އަދި ކުއްޖާއަށް އިތުރުފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދިޔުމަށް ކުއްޖާގެ މައިންބަފައިން އެދުމުން، ކުއްޖާގެ ބަލިހާލަތު ހުރިގޮތުން އޭރުވެސް ކުއްޖާ އޮތީ ޝޮކްގައިކަމުން، ދަތުރުމަތީގައި ކޮންމެފަދަ ކަމެއްވެސް ދިމާވެދާނެތީ ޑޮކްޓަރުންގެ ރުހުމުގައި އެކުއްޖާ ގެންދިއުމުގެ ހުއްދަ ދެވެންނެތް ވާހަކަވެސް މައިންބަފައިންނަށް އަންގާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ. ނަމަވެސް މައިންބަފައިންގެ އަމިއްލަ ޒިންމާގައި ރިސްކުނަގައިގެން ގެންދެވިދާނެކަމަށްވެސް ކުއްޖާގެ މަންމައާއި ބައްޕައަށް އަންގާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އައިޖީއެމްއެޗަކީ ރައްޔިތުންނާއި ގުޅުންހުރި މުހިއްމު ޚިދުމަތެއް ފޯރުކޮށްދޭތަނަކަށްވާތީ މިފަދަ ކޭސްތަކުގައި ދިމާވާ ކަންކަމުގެ ރަނގަޅު މައުލޫމާތު ހޯދައި، އައި.ޖީ.އެމް.އެޗްގެ ބަހާއެކު އެފަދަ މައުލޫމާތުތައް ހާމަކުރުމަށްވެސް އެހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.