ވިޔަފާރި

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މިމަހު 31ގައި ބާއްވަނީ


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 37 ވަނަ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ޖަލްސާ ކުރިއަށްދާނީ 31 އޮގަސްޓްވާ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ ފަހިވޯޓް މެދުވެރިކޮށެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ހިއްސާދާރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ރަޖިސްޓްރީކުރުމުގެ ފުރުސަތު މިމަހުގެ 11 ގައި ހުޅުވާލާނެއެވެ. އަދި މިމަހުގެ 29 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޖަލްސާގައި ބައިވެރިވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނިކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ އަހަރީ އާންމު ޖަލްސާގައި ޕްރީ-ރަޖިސްޓްރީ ފޯމް ބީއެމްއެލްއަށް ހުށައަޅައިގެންވެސް ރަޖިސްޓްރީ ވެވޭނެއެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 26 ރުފިޔާ ބަހަން ކުންފުނީގެ ބޯޑު ޖަލްސާގައި ފާސްކޮށްފައިވާތީ އަހަރީ އާންމު ޖަލްސާގައި މިކަން ފާސްކުރުން އޮންނާނެއެވެ. 18 މާރޗް ގައި ބޭއްވި ބީއެމްއެލްގެ ބޯޑު ޖަލްސާގައި ފާސްކޮށްފައިވަނީ ހިއްސާއަކަށް 26 ރުފިޔާގެ މަގުން ޖުމްލަ 139 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށެވެ. މީގެއިތުރުން 2020 ވަނަ އަހަރު ބީއެމްއެލް އޮޑިޓް ކުރުމަށް ހުޅުވާލުމުން 2 ފަރާތަކުން މިކަމަށް ކުރިމަތިލާފައިވާތީ ކުންފުނި އޮޑިޓްކުރަން ހަވާލުކުރާނެ ފަރާތެއްވެސް ފާސްކުރުން މި ޖަލްސާގައި އޮންނާނެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުން އޮންނާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 18 އޮގަސްޓް ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެއްވެސް ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓުދިނުމަށް އެހެން ފަރާތެއް ފޮނުވާނަމަ ޖަލްސާގެ 48 ގަޑިއިރު ކުރިން އެކަން އެ ބޭންކަށް މެއިލްކުރަންޖެހޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.