ޚަބަރު

"މިހާރު ޙާލަތު އޮތްގޮތުން ދުވަސްވީ މީހުންނަށް ބޮޑު ނުރައްކަލެއް އެބައޮތް"


ރާއްޖޭގައި ކޯވިޑް-19އާ ގުޅިގެން މިހާރު އޮތް ޙާލަތުގެ ސަބަބުން ޢުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނުރައްކަލެއް އެބައޮތްކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މި ބަލީގައި 19 މީހުން ނިޔާވެފައިވާއިރު، މީގެތެރޭގައި އެންމެ ގިނައީ ޢުމުރުން ދުވަސްވީ މީހުންނެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކޯވިޑް-19 ފެތުރޭވަރު އިތުރުވާމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަށްކަމަށެވެ. މިގޮތަކަށް ކަންތައްތައް ކުރިއަށްދާނަމަ ރާއްޖެއިން މި ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ފުރުޞަތުއެބައޮތްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްން ވިދާޅުވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ދިވެހިން ބައްޔަށް ޕޮޒިޓިވްވަނީ ބިރުގަންނަން ޖެހޭ ވަރަށް. މިހެން ވާނަމަ ބަލީގައި ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވާނެ. ރާއްޖޭގައި ކޯވިޑް-19 މިހާރު އޮތް ޙާލަތުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންގެ ޖީލަށް ބޮޑު ނުރައްކަލެއް އެބައޮތް" ޑރ. ނަޒްލާ ވިދަޅުވިއެވެ.

ފުރަބަންދުކޮށްގެންވެސް ބަލިޖެހޭ މީހުންގެ ޕީކް މަދު ނުކުރެވޭނެކަމަށާއި، ފުރަބަންދުން ހަމައެކަނި ކުރެވޭނެކަމަކީ މި ޕީކް ލަސްކުރެވުންކަން ޑރ، ނަޒްލާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ބަލި ޖެހޭ މިންވަރު މަދުކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ޑރ.ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ޢަދަދުވެސް މިދުވަސްކޮޅު އިތުރުވެފައިވާކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ބަލިން ރައްކާތެރިވެ ތިބުމަށް ސިއްޙީ ތަޖުރިބާކާރު ބޭފުޅުންގެ އިރުޝާދުތަކަށް ތަބާވެ ކޮންމެހެން ދާންޖެހޭ ހާލަތްތަކުގައި ނޫނީ ގެއިން ބޭރަށްގޮސް ނުހެދުމަށާއި، ގައިދުރުކަން އިޚްތިޔާރުކުރުމާއެކު މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.