ޚަބަރު

އަމިއްލަ ކުންފުންޏަކުން ހުށައެޅި ޝަކުވާއެއް އަލުންބެލުމަށް ހައިކޯޓުން ބްރޯޑްކޮމްގެ މައްޗަށް ޙުކުމްކޮށްފި


ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކަނޑަައެޅިފައިވާ މުއްދަތުގެ ތެރޭގައި ދިރާގުން އެޚިދުމަތް ފަށާފައި ނުވާތީ އޭދަފުށި ކޭބަލް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން 2018ވަނަ އަހަރު ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި ޝަކުވާ އެކުންފުނިން އަލުން ހުށަހަޅައިފިނަމަ ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކަން ބަލައި ގޮތެއް ނިންމަން ޖެހޭކަމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

މިޙުކުމް ހައިކޯޓުން އިއްވާފައިވާފައިވަނީ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް(ދިރާގު) 2013ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކުރުމުން އެލައިސަންސްގެ ދަށުން 12 މަސްދުވަސް ވީއިރުވެސް ޚިދުމަތް ދޭން ފަށާފައި ނުވާތީއާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ރީބްރޯޑްކާސްޓު ކުރުމުގެ ޤަވާއިދުގެ ދަށުން ދިރާގުގެ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބާޠިލްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި އޭދަފުށި ކޭބަލްނެޓްވޯރކުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްދުވާގޮތަށް ދަޢުލަތުގެ މައްޗަށް ސިވިލްކޯޓުގައި ކުރި ދަޢުވާގެ މައްސަލަ އެކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އޭދަފުށި ކޭބަލް ނެޓްވޯރކުން ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.

މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުވެފައިވަނީ އޭދަފުށީ ކޭބަލް ނެޓްވޯކުން 2018 ވަނަ އަހަރު ބްރޯޑްކޮމްއަށް ހުށައެޅި ޝަކުވާއަކީ ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި، ބްރޯޑްކާސްޓިން ކޮމިޝަނަށް "ޝަކުވާ ހުށަހެޅުމާ އެޝަކުވާ ބަލައިގަތުމުގެ ނިޒާމް" ގައި މައްސަލަތައް ބަލައި، ހައްލުކުރުމަށް ކަނޑައެޅިފައިހުރި އިޖުރާއަތުތައް ފުރިހަމަނުވެ ހުށަހަޅާފައިވާ މައްސަލައެއްކަމަށް ނިންމި ނިންމުން ބާޠިލްކުރުމަށެވެ.

އޭދަފުށި ކޭބަލް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ޝަކުވާއަކީ އެކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ އިޖުރާއަތާއި އެގޮތަށް ހުށަހަޅާފައިވާ ޝަކުވާއެއްކަން ސާބިތުވާން އޮތުމުން އޭދަފުށި ކޭބަލް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނަށް ހުށަހެޅި ޝަކުވާގެ މައުޟޫޢަށް ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި މިއަދުން ފެށިގެން ދެމަސް ދުވަހުގެތެރޭގައި އޭދަފުށި ކޭބަލް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 17 އޮކްޓޯބަރު 2018 ގައި މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަލުން މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ ޝަކުވާއަށް ބަލައި އެ ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނެކަމަށް ކޯޓުންވަނީ ނިންމާފައެވެ.