ޚަބަރު

އާޓިފިޝަލް ބީޗްގަ ޝަވަރ އޭރިއާއެއް ހެދުމަށް ހަވާލުކޮށްފި


މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ފެންވެރޭނެ އިންތިޒާމްތަކަކާއިއެކު ފާހާނަބަރިއެއް ހެދުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްފިއެވެ.އެމްޑަބްލިއުއެސްސީއާއި މިއަދު ހަވާލު ކުރެވުނު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އާންމު އިޖްތިމާއީ ޒިންމާގެ ދަށުންކަމަށް އެކުންފުނިން ހާމަކުރެއެވެ. މި މަސައްކަތް އެމްޑަބްލިއު އެސްސީއާއި ރަސްމީކޮށް ހަވާލު ކޮށްފައިވަނީ އެއްމަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ އެއްބަސް ވުމުގެ ދަށުން އެތަނުގައި ރަނގަޅު ފެންވަރެއްގެ ޝަވަރ އޭރިއާއެއް ހަދާ، ބީޗް ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އަދި ފެންވަރު ރަނގަޅު ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުންވެސް މާލެ ރިޑިވެލޮޕް ކުރުމަށް މިހާރު ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތުގެ ތެރެއިން ޖުމްހޫރީ މައިދާން ސަރަހައްދާއި ހުޅަނގު ފަރާތުގައި ހަދާ ބީޗަކީވެސް އެ ތަންތަން ތަރައްގީވެގެން އަންނައިރު، މާލޭގައި ދިރިއުޅޭ ކުދި ބޮޑު ރައްޔިތުންނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ވެގެންދާނެ ކަމަށް މިނިސްޓްރ ވިދާޅުވިއެވެ.އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ބީޗްގައި ހަދާ ޝަވަރ އޭރިއާއަކީ، އާންމު އިޖްތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ހިންގާ ފުރަތަމަ ޕްރޮޖެކްޓް ކަމަށާއި، މުސްތަގްބަލުގައި އެފަދަ އިތުރު ޕްރޮޖެކްޓްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.އަދި ބީޗްގައި މިހާރު ހުރި އިމާރާތްތައް ތަޅާ ނުލައި، އެތަންތަންވެސް ބޭނުން ކޮށްގެން އައުޓް ޑޯރ ޝަވަރ އޭރިއާ އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ޑިޒައިން ކޮށްފައިވާ ތަނަކާއި، މަދަރ ކެއަރ އޭރިއާ އެއްވެސް ހިމަނައިގެން އެތަން އަލުން ހެދުމަށް ނިންމާފައިވާކަމަށެވެ.މީގެއިތުރުންވެސް އެ ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ލައިފް ގާރޑްގެ ޚިދުމަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.