ޤާނޫނީ ވަކީލުކަމުގެ ޙުއްދަ ނުލިބި ތިބި މީހުން އެއް މަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނައި އިސްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.
މިދިޔަ މަހުގެ 22 ބަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލުގެ އިޞްލާހުގައި، ބަޔާންކޮށްފައިވާ ގޮތުން މި އިޞްލާޙު ޤާނޫނަކަށްވެ އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޤާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން ރާވައި، ކުރިއަށްގެންދަންޖެހޭނެއެވެ.
އަދި އެ ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި، ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުޞޫލު ބާ ކައުންސިލުން އެކުލަވާލައި، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ގެޒެޓުގައި ޝާއިޢުކުރުމާއި އެ އުޞޫލު ގެޒެޓުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، ތަމްރީނު ޕްރޮގްރާމް ފަށަންޖެހޭގޮތަށް ވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ތާރީޚުން ފެށިގެން ގިނަވެގެން އެކާވީސްދުވަހުގެ ތެރޭގައި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޤާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޤާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެ ގޮތުން، ޤާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިވުން މި ބިލުގައި ލާޒިމުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. ހަމަ އެއާއެކު މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.
މިދިޔަ އަހަރު ފާސްކޮށް އަމަލު ކުރަން ފެށި ޤާނޫނީ ފަންނުގެ ޤާނޫނުގައި ވަކީލުކަމުގެ ހުއްދަ ދެވޭނީ ބާ އިމްތިހާނެއް ފުރިހަމަ ކުރުމަކޮށް ބާ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތެއްވަންދެން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންކަމަށް ހިމަނާފައިވީނަމަވެސް ޤާނޫނުގައިބުނާ ބާ އިމްތިހާނު ނުބޭއްވޭތީ ވަކީލުކަން ކިޔަވައިގެންތިބި މީހުންނަށް ހުވާނުކުރެވި އެކަމުގެ ކަންބޮޑުވުން އެފަރާތްތަކުންވަނީ ފާޅުކޮށްފައެވެ.