ރިޕޯޓް

ބިދޭސީ މަސައްކަތްތަތެރިންނާ ބެހޭ އައު ޤަވާއިދު އަންނަ ހަފްތާގެ ތެރޭގައި ޢާއްމުކުރާނަން - މިނިސްޓަރ ފައްޔާޟް


ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީ މަސައްކަތްތަތެރިންނާބެހޭ އައު ޤަވާއިދު އަންނަ ހަފްތާގެ ތެރޭގައި ޢާއްމު ކުރައްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ބިދޭސީންނާބެހޭ ޤަވާއިދަށް ގެންނަ އިސްލާހުތަކާއެކު މިހާރު ހުރި ބިދޭސީންގެ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަމަށާއި، އެކަމަށް އަވަސް ހައްލުތަކެއް ގެންނަންޖެހޭކަމަށެވެ. އަދި ބިދޭސީންގެ މައްސަލައަކީ މި ސަރުކާރުންވެސް ހާއްސަ އަހައްމިއްޔަތުކަމެއްދީގެން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލައެއްކަމަށާއި، ނަމަވެސް އެކަންކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދަނީ ކޯވިޑް-19 އާއެކު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުންކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ބިދޭސީންގެ މައްސަލަތައް އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ބިދޭސީން ބައިތިއްބާ ތަންތަނުގެ ޙާލަތު ދަށްކަމާއި، އެއްތަނެއްގައި ތޮއްޖެހިގެން އެތައް ބިދޭސީންނެއް ގެންގުޅުމުގެ ސަބަބުން ކޯވިޑް-19 ފެތުރޭ މިންވަރުވެސް އިތުރުވެ، އެކަމުގެ ނޭދެވޭ އަސަރު ދިވެހި އާބާދީއަށްވެސް ކުރުމާއި، ހަމައަށް މުސާރަނުދެވުން ފަދަ އެތައް މައްސަލައެއް ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ފެންމަތިވެފައިވާކަމަށެވެ.

އެހެންކަމުން ބިދޭސީންގެ ހައްޤުތައްވެސް ކަށަވަރުކޮށްދީ، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީން މަސައްކަތްތަތެރިންނާއި ބެހޭ ޤަވާއިދު އިސްލާޙުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އައު ޤަވާއިދު އާއްމުކުރައްވާނެކަމަށާއި، އައު ޤަވާއިދުގެ ތެރެއިން މިހާރު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މުޒާހަރާކުރި ގިނަ ފަރާތްތައް އެބަތިބި. އެފަރާތްތަކުގެ ހައްޤުތައް ހޯދައިދޭން ޤާނޫނުގެ ތެރެއިން އެބަ މަސައްކަތްކުރެވޭ. ކޯޓުތަކުގައި މައްސަލަތައް އެބަ ކުރިއަށްދޭ. އެކަމުގައި މީޑިއޭޓަރެއްގެ ރޯލު އަދާކޮށްގެން ހައްލުކުރެވޭނެތޯ ލޭބަރ ރިލޭޝަންސް އޮތޯރިޓީ މެދުވެރިކޮށް މަސައްކަތް ކުރަމުން މިދަނީ. ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީން މަސައްކަތްތަތެރިންނާއި ބެހޭ އައު ޤަވާއިދު އަންނަ ހަފްތާގެ ތެރޭގައި ގެޒެޓުކުރެވޭނެ. އެ ޤަވާއިދުގެ ތެރެއިން މިހާރު ހުރި ބިދޭސީންގެ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ" މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ބިދޭސީން ވިޔަފާރިކުރަން ތިބޭ މައްސަލައަކީވެސް ގިނަ ބަޔަކު ކުރާ ޝަކުވާއެއްކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ކުރާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންބަލާއިރު ގިނަ ފަހަރަށް އެފަދަ ތަންތަނަކީ ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަމުން، އެކަމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އަންނަ ހަފުތާގައި އާއްމުކުރާ އުޞޫލުގެ ތެރެއިން އެކަމަށްވެސް ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަރަށް ގިނަ މީހުންގެ ޝަކުވާއެއް އެއީ ކިހިނެއްހޭ އެމީހުން އެގޮތަށް ވިޔަފާރި އެކުރަނީ. ކޮން ޤަވާއިދެއްގެ ދަށުން ކާކު ހުއްދަ ދީގެން ހޭ. މީގައި މިވާގޮތަކީ ޤާނޫނުގައި ކޮންމެސްވަރެއްގެ ހުސްކަމެއް އެބައޮތް އެކަމުގައި. އެކަންކަމަށް ހައްލު ހޯދުމަށް އަންނަ ހަފުތާގެ ތެރޭގައި ގެޒެޓުކުރެވިގެންދާނެ އެކަންކަމަށް ފިޔަވަޅު އެޅޭނެ ގޮތްތަކެއް. މިސާލަކަށް އެފަދަ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭގޮތާއި، ހުންނަންޖެހޭނެ މިންގަނޑުތަކާއި، އެއަށްބަލާފައި އިތުރު ފިޔަވަޅުތައް އެޅޭނެ ގޮތްތައްވެސް" މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމު ކޯވިޑް-19ގެ ސަބަބުން އެންމެ އެކަށީގެންވާގޮތެއްގައި ކުރިއަށް ނުގެންދެވި އޮތުމަކީވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ. އެގޮތުން އެ ޕްރޮގްރާމުގެ ދަށުން ވަކިވަކި ބިދޭސީންނާއި މިނިސްޓްރީގެ މުވައްޒަފުން ބައްދަލުކޮށް، އެމީހުންގެ ޙާލަތު ބަލައި، ފިންގަރ ޕްރިންޓް ނެގުމަކީ މި ދަނޑިވަޅުގައި ކުރަން އެހާ ފަސޭހަ އަދި ރައްކާތެރިކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް ޙާލަތު ތަން ދިން މިންވަރަކުން ނުޤަވާޢިދުން އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމާއި، އަނބުރާ ޤައުމަށް ފޮނުވާލުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށާއި، މިއަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.