ރާއްޖެއިން ފުރާ ފަތުރުވެރިންގެ ސާމްޕަލް ނެގުމުގެ ކަންކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރާގޮތަށް ނިންމާފައިވާކަމަށް އެސެންޓަރުން ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ހަދާ ޕީސީއާރު ޓެސްޓް ހެދުމުގެ ކަންކަން އެންމެ އެދެވޭގޮތުގައި ކުރިއަށްނުދާކަން ފާހަގަކުރެވޭތީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން ފުރާ ފަތުރުވެރިންގެ މައުލޫމާތު ދުރާލާ ހިއްސާކުރުމުން އެޗްއީއޯސީ މެދުވެރިކޮށް ޓެސްޓުކުރުމުގެ ކަން ކަން ކުރިއަށްދާނެކަމަށެވެ.
"ފަތުރުވެރިކަން އަލުން ހުޅުވާލަން އުޅުނުއިރު އަޅުގަނޑުމެންވާނީ ރާއްޖޭގައި ޓެސްޓްކުރެވޭ ޕްރައިވެޓް ތަންތަނާއި އަގުތަކާއި އަޅުގަނޑުމެންވާނީ ރިސޯޓްތަކާއި ހިއްސާކޮށްފައި. ނަމަވެސް އެންމެ އެދެވޭގޮތުގައި ޓެސްޓްކުރުމުގެ ކަންކަން ނުދާކަން ފާހަގަކުރެވޭތީ މިހާރު އިތުރު މަސައްކަތްތަކެއް ޓޫރިޒަމް ސެކްޓަރާ ގުޅިގެން އަޅުގަނޑުމެންކުރުމަށް މިވަނީ ނިންމާފައެވެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފަތުރުވެރިންގެ ޓެސްޓްކުރުމުގެ ކަންކަމާ އެސެންޓަރުން ހަވާލުވިނަމަވެސް ރާއްޖެއިން މިހާރު ފުރާ ފަތުރުވެރިންގެ ޢަދަދު މަދުވުމުން އެޗްއީއޯސީގެ މަސައްކަތަކަށް ބުރު ނާރާނެކަމަށާއި ކުރިއަށްއޮތް 3 ދުވަހުވެސް ފުރަން ހަމަޖެހިފައިވަނީ ވިއްސަކަށް ފަތުރުވެރިންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ބޯޑަރު ހުޅުވާލިފަހުން އިއްޔެވެސްވަނީ ފަތުރުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ރާއްޖެއިން ފުރުމަށް ޓެސްޓްހެދުމުން ޕޮޒިޓިވްވީ އިނގިރޭސި ވިލާލުގެ ފަތުރުވެރިއެކެވެ.
ޕޮޒިޓިވްވި ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށާއި މިވަގުތުހުރީ ޗުއްޓީ ހޭދަކުރުމަށްއައި އޮބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓްގައިކަމަށްވުމުން އާއިލާގެ ބައެއް މީހުންގެ ޓެސްޓްކުރުމާއި ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއްގެ މަސައްކަތުން ފަތުރުވެރިކަމުގެ ދާއިރާގެ ސިއްޙީ ގައިޑްލައިން މިހާރު ނެރެފައިވާއިރު ފަތުރުވެރިނަށް ޚިދުމަތްދޭ ތަންތަނުން އެ އުސޫލަށް އަމަލުކުރުމާއި މީގައި ހިމެނޭ މާސްކްއެޅުމާއި ގައިދުރުކަމަށް އިސްކަންދިނުމަށް ހުރިހާ ރިސޯޓްތަކާއި ޚިދުމަތްދޭ ތަންތަނުން މަސައްކަތްކުރުމަށް އެޗްއީއޯސީން ވަނީ އަންގަވާފައެވެ.