ޚަބަރު

ބައިރޫތަށް ދިނީ ޙަމަލާއެއްކަމަށް ބެލެވޭ: އެމެރިކާ


ލުބުނާނުގެ ވެރިރަށް ބައިރޫތަށް ދީފައިވަނީ ޙަމަލާއެއްކަމަށް ބެލެވޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕް ވިދާޅުވެއްޖެއެވެ.

ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 100އަށްވުރެ ގިނަ މީހުން މަރުވެ 4000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. އަދި ގިނަ ޢަދަދެއްގެ މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ އިތުރުން ގިނަ ބަޔަކު އިމަރާތްތަކުގައި ނުނިކުމެވިވަނީ ތާށިވެފައެވެ. އެ ހާދިޘާގައި މަރުވި މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވޭކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

ގުދަނުގައި އަލިފާން ރޯވެ، ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ގޮވުމުގެ އަސަރު ވަރަށް ދުރަކޮށް، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައްވަނީ އެ ޙާދިޘާއަށްފަހު މީސްމީޑިޔާގައި ޢާންމުވެފައެވެ.

ބޭރު ޤައުމުތަކުން އެތެރެ ކުރާ މުދަލުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ލުބުނާނުގެ ޙާލަތު އޮތީ ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައިރޫތުގެ މައި ބަނދަރު ހުންނަ ސަރަޙައްދުގައި ހިނގި ޙާދިޘާގެ ސަބަބުން އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލަމުންދާ ލުބުނާނުގެ އިޤްތިޞާދަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ.

ބޮޑު ކާރިޘާއަކާ ލުބުނާނުން ކުރިމަތިލާން ޖެހިފައިވަނީ އެ ޤައުމުގެ ސިޔާސީ މަޝްރަހުވެސް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައެވެ. ސަރުކާރާމެދު ހިތްހަމަޖެހިވަޑައިނުގެން ދާދިފަހުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ނާޞިފު ޔޫސުފު ޙިއްތީވަނީ އިސްތިޢުފާ ދެއްވައިފައެވެ.

ލުބުނާނަށް ކުރިމަތިވެފައިވާ ޚާރިޘާއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮންނަނީ ގާތްގުޅުމެއްކަމަށާއި އެމެރިކާއިން ލުބުނާނަށް އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށެވެ. އަދި އެ ހާދިޘާއަކީ ލުބުނާނަށް ދީފައިވާ ޙަމަލާއެއްކަމަށްވެސް ޤަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނުގައި އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި 2،750 ޓަނުގެ ބަޑިބޭސް ރައްކާކޮށްފައިހުރިކަމަށް ލުބުނާނުގެ ރައީސް މިޝެލް އައުންވަނީ ވިދާޅުވެފައެވެ. އޭނާވަނީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި ދެ ހަފުތާގެ މުއްދަތަށް އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ގުދަން ގޮވަން ދިމާވި ސަބަބެއް ލުބުނާނުގެ ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެ ޙާދިޘާ ހިނގަން މެދުވެރިވީ ގުދަނުގައި ވެލްޑިން މަސައްކަތެއް ކުރުމުގެ ތެރޭގައެވެ. ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިޔާބުވަނީ އެ ޙާދިޘާ ހިނގި ގޮތް ފުރިހަމައަށް ތަހުޤީޤުކޮށް ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ބައިރޫތުގައި ނުރައްކާތެރި ގޮވުމެއް ގޮވާފައިވަނީ 2005ވަނަ އަހަރު އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ރަފީޤު އަލްޙަރީރީ އަވަހާރަކޮށްލި މައްސަލާގައި ޙުކުމް އިއްވަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. އަލްހަރީރީ އަވަހާރަކޮށްލާފައިވަނީ ބައިރޫތުގެ ބަނދަރާ ދެ ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދެއްގައި ދިން ބޮމުގެ ޙަމަލާއެއްގައެވެ.