އެމެރިކާއާއި އީރާނުގެ އަސްކަރީ ކުރިމަތިލުންތައް ގޯސްވަމުންދާ މިދަނޑިވަޅުގައި، އޭޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުން އަންނަ އޮގަސްޓް މަހު އުފެއްދުންތެރިކަން އިތުރުކުރުމަށް ރާވާފައިވާ ރޭވުމަށް ބުރޫއަރައިފިއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ދަނޑިވަޅުގައި ޗައިނާއިން ބާޒާރަށް ބޭނުންވާ ތެޔޮ ފޯރުކޮށްނުދީފިނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ ސްޓޮކް މަދުވެ، އަގުތައް ގިނަ ދުވަސްތަކަކަށް އުފުލިފައި ހުރުމުގެ ބިރު އެބައޮތެވެ.
ދުނިޔޭގައި އުފައްދާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ގަލްފުގެ ޤައުމުތަކުން ތެޔޮ ބޭރުކުރުން މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކާ ގުޅިގެން ކުރިމަތިވި ހުރަހެކެވެ.
މީގެ އިތުރުން، ޔަމަނުގެ ޙޫޘީން ވަނީ ރަތް ކަނޑު މެދުވެރިކޮށް ސަޢުދީ ޢަރަބިއްޔާއިން ތެޔޮ ބޭރުކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައެވެ. މި ނުރައްކަލާ ގުޅިގެން، ސަޢުދީން ޗައިނާއަށާއި އިންޑިއާއަށް ތެޔޮ ހިފައިގެން ދަތުރުކުރި ތިން ޓޭންކަރެއް، މިދިޔަ އަންގާރަ ދުވަހު ބާބުލް މަންދަބުއާ ހަމައިން އެނބުރި ސުވޭޒް ކެނަލްއާ ދިމާއަށް މިސްރާބު ބަދަލުކޮށްފައިވެއެވެ.
މެދުއިރުމަތިން ތެޔޮ ލިބުން ލަސްވަމުންދާތީ، އޮގަސްޓް މަހަށް ތައްޔާރުވަމުންދާ އޭޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ކާރުޚާނާތައް މިހާރުވެސް ހިންގަމުންދަނީ އެތަންތަނުގައި ހުރި ޤާބިލުކަމާ ގާތްކުރާ މިންވަރަކަށެވެ.
ހަމައެއާއެކު، ޔޫކްރޭނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދެމުންދާ ޑްރޯން ހަމަލާތަކާ ގުޅިގެން، ރަޝިޔާއިން ވަނީ ޑީސަލް ބޭރުކުރުން މަނާކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގޭހާއި، ޑީސަލް އަދި މަތިންދާބޯޓުތަކަށް އަޅާ ތެޔޮ ސަޕްލައި މަދުވެ، އަގުތައް އިތުރަށް އުފުލިގެންދާނެއެވެ.
ސްޕާޓާ ކޮމޯޑިޓީސްގެ ނީލް ކްރޮސްބީ ވިދާޅުވި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި ބަންދުވުމާއި ރަޝިޔާގެ އެކްސްޕޯޓް މަނާކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތިކަމަށް ޙައްލެއް ހޯދޭނެ އިތުރު މަގެއް މިވަގުތު ދުނިޔޭގައި ނެތެވެ. އެހެންކަމުން، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތެޔޮ މަދުކުރުމަށް މަޖުބޫރުވާ ވަރަށް އަގުތައް އުފުލޭނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ތެލުގެ އަގު އުފުލުމުގެ ސަބަބުން ތެޔޮ ސާފުކުރާ ކުންފުނިތަކަށް ލިބޭ ފައިދާ ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.
އޭޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ލިބޭ ފައިދާ ފީފާއަކަށް 65 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. މިއީ ހަނގުރާމައިގެ ކުރިން 20 ޑޮލަރަށް ވުރެ ދަށުގައި ހުރި ޢަދަދެކެވެ.ރަޝިޔާގެ ނިންމުމާއެކު ޔޫރަޕްގައި ޑީސަލް ފީފާއަކުން ލިބޭ ފައިދާ 66.25 ޑޮލަރަށް ވަނީ އަރާފައެވެ.
އަދި އެމެރިކާގައި ތެޔޮ ސާފުކޮށްގެން ލިބޭ ފައިދާ މިދިޔަ ހަފްތާގައި ވަނީ ފީފާއަކަށް 70 ޑޮލަރުގެ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އިންޓަނޭޝަނަލް އެނަރޖީ އެޖެންސީން ލަފާކުރާ ގޮތުގައި، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދުނިޔޭގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުން ދުވާލަކު 81.6 މިލިއަން ފީފާ ތެޔޮ ސާފުކުރާނެއެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ސަޢުދީގެ ތެޔޮ ޓޭންކަރުތައް އެފްރިކާ ބައްރު ވަށާލާފައި ދަތުރުކުރަން ޖެހުމުން، އޭޝިއާއަށް ތެޔޮ ފޯރުކޮށްދިނުމަށް އިތުރު އެއް މަސް ދުވަސް ހޭދަވާނެއެވެ.
ޓައިވާންގެ ފޯމޯސާ ޕެޓްރޯކެމިކަލް ކޯޕަރޭޝަންގެ ރައީސް ކޭ.ވައި. ލިން ވިދާޅުވި ގޮތުގައި، އޮގަސްޓް މަހަށް ބޭނުންވާ ތެޔޮ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި އެ ތެޔޮ ލިބޭނެ ކަމުގެ ޔަޤީންކަމެއް މިހާރު ނެތެވެ.
މި ހުރިހާ ގޮންޖެހުންތަކަކާއެކު، އެމެރިކާއާއި ޔޫރަޕްގެ ކާރުޚާނާތައް އެންމެ މަތީ ދަރަޖައިގައި ހިންގަމުން ދިޔަ ނަމަވެސް، އިތުރަށް އުފެއްދުންތެރިކަން މަތިކުރެވޭނެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.