ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އޮތީ އެންމެ އުނދަގޫ ފަޅީގައި - ފްރޭންކް ޑިޔޮންގް


ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އޮތީ އެންމެ އުނދަގޫ ފަޅީގައި ކަމަށް އެކުލަބުގެ މިޑްފިލްޑަރ ފްރޭންކް ޑިޔޮންގް ބުނެފިއެވެ.

ހޮނިހިރު ދުވަހު ނަޕޯލީއާ ދެކޮޅަށް ވާދަކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ފްރޭންކް ޑިޔޮންގް ބުނީ، ޗެމްޕިއަންސް ލީގުގައި މިހާރު ހިމެނޭ ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި، ނަމަވެސް ވަކިން ޚާއްސަކޮށް ބާސެލޯނާ އޮތީ އުނދަގޫ ފަޅިއެއްގައި ކަމަށެވެ. ސަބަބަކީ ފައިނަލަށް ދިއުމަށް ރެއާލް މެޑްރިޑު، މެންޗެސްޓާ ސިޓީ ނުވަތަ ޔުވެންޓަސް، މިއިން ކޮންމެވެސް ޓިމަކާއި ވާދަކުރަން ޖެހުން ކަމަށެވެ.

ޑިޔޮންގް ބުނީ ނަޕޯލީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި ނަޕޯލީފަދަ ޓީމުތަކާއި ދެކޮޅަށް ނިކުންނަން ޖެހޭނީ ސަޕްރައިސިން ނަތީޖާއެއް ނިކުންނާނެ ކަމަށް ވިސްނައިގެން ކަމަށެވެ. ނަމަވެސް އަނެއްކޮޅުން ބަލާއިރު ބާސާއިން ލީގު ނިންމާލުމަށްފަހުވެސް ރަނގަޅު ފަރިތަކުރުންތަކެއް ކުރަމުން އަންނަކަމަށާއި، އެހެންކަން އަމިއްލަ ދަނޑުގައި ނަޕޯލީ ބަލިކުރެވޭނެ މޯޓިވޭޝަން އެބަހުރިކަމަށެވެ.

ބާސާއިން ލަލީގާ ދިފާއުނުކުރެވުމުގެ މާޔޫސްކަންމަތީގައި ޗެމްޕިއަންސް ލީގާއި ކުރިމަތިލީނަމަވެސް އެޓީމުން ވަނީ ލީގުގެ ފަހުމެޗުގައި 5-0އިން އަލަވޭސްގެ މައްޗަށް ކުރިހޯދާފައެވެ.