ކުޅިވަރު

ދުނިޔޭގެ އެންމެ މޮޅު ކޯޗުކަން ޒިދާނަށް


ދުނިޔޭގެ އެންމެ މޮޅު ކޯޗަކަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ހޮވައިފިއެވެ.

ފްރާންސްގެ ކުޅިވަރު ނޫހަކުން ވޯޓު ނަގައިގެން ހޮވި މި މަގާމަށް ޒިދާނަށް ހޮވިއިރު އޭނާގެ ފަހަތުން ދެ ވަނަ ލިބިފައިވަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށެވެ.

ތިން ވަނަ ލިބިފައިވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށެވެ.

ފްރާންސްގެ ނޫހަކުން ބުނެފައިވަނީ ވޯޓުގެ 57 ޕަސެންޓް ލިބިފައިވަނީ މި ސީޒަނުގެ ސްޕެނިޝް ލީގު ރެއާލް މެޑްރިޑަށް ހޯދައިދިން ކޯޗު ޒިދާނަށް ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދެ ވަނަ ހޯދިއިރު އޭނާ ވަނީ މި ސީޒަނުގެ ޕްރެމިއާ ލީގު ލިވަޕޫލަށް ކާމިޔާބުކޮށްދީ ޔޫރަޕިއަން ސުޕަކަޕާއި ކުލަބް ވަރލްޑް ކަޕް ކާމިޔާބުކޮށްދީފައެވެ.

އެންމެ މޮޅު ތިން ކޯޗުންގެ ތެރޭގައި ހިމެނޭ ޒިދާނާއި ގާޑިއޯލާގެ ކުރިމަތިލުމެއް މި ހަފުތާގައި އޮންނާނެއެވެ. އެއީ ޗެމްޕިއަންސް ލީގުގައި ރެއާލްއާއި ސިޓި ކުޅޭ މެޗު މި ހަފުތާގައި ކުޅޭތީއެވެ. މި ދެ ޓީމު ކުރިން ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ސިޓީއެވެ.