ވިޔަފާރި

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލު ގެނައީ ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށްފަހު: ވިސާމް


އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ބަދަލުތައް ގެނެސްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާގައި މުދާ އެތެރެކުރުމުގެ ވިޔަފާރިކުރާ ކުންފުނިތަކާއި ބައްދަލުކޮށް އެފަރާތްތާއިއެކު މަޝްވަރާއާއި ހިޔާލު ހޯދައިގެންކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމްޕޯޓުކުރާ 40 ވަރަކަށް ކުންފުނީގެ ތެރެއިން 20 ކުންފުންޏަކާއެކު ބައްދަލުވުންތައް ބާއްވާ އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާ އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކުރިކަމަށެވެ.

"މިނިސްޓްރީން ހުށަހެޅި އިސްލާހްތަކާއި ގުޅޭގޮތުން އެފަރާތްތަކާއެކު މަޝްވަރާކޮށް، އެ މަޝްވަރާތަކުގެ އަލީގައި މިހާހިސާބަށް ގެންގޮސްފައިވަނީ، އެ މަޝްވަރާތަކުގައި އިމްޕޯޓަރުންގެ މާބޮޑެތި ކަންބޮޑުވުންތަކެއް ނެތް ވާހަކަ ފާހަގަކޮށްލަން ބޭނުން،" ވިސާމް ވިދާޅުވިއެވެ.

ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މިހެން ވިދާޅުވެފައި މިވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި ބަދަލާއެކު ރެވެނިއު ސްޓޭމްޕަށް ދައްކަން ޖެހޭ ފީ 90 އިންސައްތަ ބޮޑުވުމުން ރާއްޖެ އެތެރެކުރާ މުދަލުގެ އަގު އިތުރަށް އުފުލިގެންދާނެތީ ރާއްޖޭގައި އިމްޕޯޓް އެކްސްޕޯޓްގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ވިސާމް ވިދާޅުވީ އިމްޕޯޓް އެކްސްޕޯޓުގެ ދާއިރާއަށް ބަދަލުތަކެއް ގެނެސް، ދައުލަތުން ދޭ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމަށް މަސައްކަތްކުރަމުންދާއިރު، މި ޙިދުމަތަށް ފީއެއް ނެގުމަކީ ކުރަން ޖެހޭ ކަމެއްކަމަށެވެ.

"ވިޔަފާރިވެރިންގެ އިތުރުން ކޮންސިއުމަރުންގެވެސް ގިނަ ޝަކުވާތަކެއް އެބަހުރި، މިއީ އަބަދުވެސް އަންނަ ޝަކުވާތަކެއް، ޑިއުޓީ ކަނޑާލާ މުދަލުގެ އަގު ހެޔޮ ނުވާ މައްސަލައާއި، ޑިއުޓީ ބޮޑު ކުރާ މުދާތަކުން ނިސްބަތުން ބޮޑުވި މިންވަރަށްވުރެ ބޮޑު ޙަރަދެއް ކުރަން ޖެހޭ ވާހަކަ،" ވިސާމް ވިދާޅުވިއެެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިމްޕޯޓް ޑިއުޓީއަށް ބަދަލުތަކެއް ގެނެސްފައިވާއިރު ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅުންހުރި ސިނާއަތްތަކުން ބޭނުންކުރާ ބައެއް ބާވަތްތަކުގެ ޑިއުޓީ ރޭޓު ދަށްކޮށް އަނެއްބައި ބާވަތްތަކުގެ ޑިއުޓީ ރޭޓް ވަނީ ކަނޑާލާފައެވެ. މި ބަދަލާއިއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

ޤާނޫނަށް ގެނައި އިސްލާހާއެކު ބައެއް ބާވަތްތަކުގެ ޑިއުޓީ ވަނީ ބޮޑުވެސްކޮށްފައެވެ. އޭގެތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި، އެނަރޖީ ޑްރިންސްއާއި، ސިނގިރޭޓާއި ސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. މީގެއިތުރުން ސޮސެޖުގެ ބާވަތްތަކުން 15 އިންސައްތައިގެ ޑިއުޓީއެއް ނަގަން ވަނީ ކަނޑައަޅާފައެވެ. މެޓާއާއި، ޗުއިންގަމާއި، މިފަދަ ހަކުރު ގިނައިން ހިމެނޭ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވާއިރު މޭވާ އާއި ތަރުކާރީ އަދި ފުށުން ތައްޔާރުކޮށްފައިވާ ތަކެތި ފިޔަވާ އެހެން ހުރިހާ ބާވަތެއްގެ ލުއި ކާނާއިން ޑިއުޓީ ނަގަން ވަނީ ނިންމާފައެވެ.