ތަޢުލީމު

2016އަށް ބޭނުންވާ ޓީޗަރސް ރިކުއަޔަރމަންޓްގެ މަސައްކަތް ފަށައިފި


އަންނަ އަހަރަށް ބޭނުންވާ ޓީޗަރސް ރިކުއަޔަރމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެޑިޔުކޭޝަން މިނިސްޓަރގެ ނައިބު ޑޮކްޓަރ އަބްދުﷲ ނަޒީރު ވިދާޅުވީ ކޮންމެ އަހަރަކަށް ބޭނުންވާ ޓީޗަރުންގެ ތަފްސީލުތައް ހޯދުމުގެ މަސައްކަތުގެ ދަށުން އަންނަ އަހަރު ސްކޫލް ތަކަށް ބޭނުންވާ ޓީޗަރުންނާއި ކިޔަވައިދޭނެ މާއްދާތަކާއި، އަދަދުތައް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރަށް ސްކޫލްތަކަށް ބޭނުންވާ އަރަބި އަދި ޤުރުއާން ޓީޗަރުން ހޯދުމުގެ މަސައްކަތާއި، ޓީޗަރުން ތަމްރީނު ކުރުމުގެ  މަސައްކަތް ކުރަމުންދާ ކަމަށްވެސްް ނަޒީރު ވިދާޅުވިއެވެ.އަރަބި އަދި ޤުރުއާން ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އިސްލާމިކް ޔުނިވަރސިޓީގައި 30 ޓީޗަރުން ތަމްރީނު ކުރަމުންދާ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ސައޫދީ ސަރުކާރާއެކު އަރަބި ޓީޗަރުން ހޯދުމުގެ މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސްް ނަޒީރު ވިދާޅުވިއެވެ.ސައޫދީ އަރަބިއްޔާއިން އަންނަ އަހަރަށް އިތުރު 5 ޓީޗަރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އަދި މިސްރުންވެސް އަށް ޓީޗަރަކު ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ. ސްކޫލް ތަކުގައި އަރަބި ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާފައި ވަނީ ދެހާސްސާދަ ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން މިހާރު 20 ސްކޫލެއްގައި ދަނީ އަރަބި ބަސް ކިޔަވައިދެމުންނެވެ.