ކުޅިވަރު

ހަތަރު ވަނަ ދައުރަކަށް އެތުލެޓިކްސްގެ ޖެނެރަލް ސެކެޓްރީގެ މަގާމަށް މުންތަގިމް


އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިޔަށް އޮތް ދައުރުގެ ޖެނެރަލް ސެކެޓްރީގެ މަޤާމަށް މިހާރުވެސް އެ މަޤާމް ފުރުއްވަމުން އަންނަ އަޙުމަދު މުންތަޤިމް ހަމަޖައްސައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމަށް މުންތަޤިމް ހަމަޖެއްސީ އިއްޔެ ބޭއްވި އެ އެސޯސިއޭޝަންގެ އެކްސޯ ބައްދަލުވުމުގެ ފުރިހަމަ އަޤްލަބިއްޔަތުންކަމަށެވެ.

އަޙުމަދު މުންތަޤިމް އެތުލެޓިކްސް އެސޯސިއޭޝަންގައި މަސައްކަތްކުރާތާ ވިހި އަހަރު ވަނީވެފައެވެ. އަދި މިއީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމް މުންތަޤިމް އަދާކުރައްވާ ހަތަރު ވަނަ ދަޢުރެއެވެ.

އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލްކުރަން ފެށި މުންތަޤިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީއެވެ. ސްޕޯޓްސް ޑިވިޝަނުގައި 1995 ވަނަ އަހަރު ވަޒީފާއަދަކުރަން ފަށައި 1999 ވަނަ އަހަރުން ފެށިގެން މުންތަޤިމް އެތުލެޓިކްސް އެސޯސިއޭޝަނުގައި މަސައްކަތްކުރަން ފެށިއެވެ. އަދި އޭނާ އަކީ 2008 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީއެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީއަކަށް މުންތަޤިމް ހަމަޖައްސާފައިވާއިރު މިދިޔަ ހަފްތާގައި ވަނީ އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމަށް ޔަޒްނީ ނަޝީދާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައި މިދިޔަ ދެ ދައުރުގައި ވެސް ރައީސްކަން ކުރެއްވި މުހައްމަދު ތޮލާލް ވަނީ އެ މަގާމު ދިފާއު ކުރައްވާފައެވެ. މި އިންތިޚާބުގައި ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވި ޔަޒްނީއަށް އެއް ވޯޓު ލިބުނުއިރު ތޮލާލަށް ލިބިފައިވަނީ ފަނަރަ ވޯޓެއެވެ.

އަދި އެ އެސޯސިއޭޝަންގެ ނާއިބު ރައީސް ކަމުގެ މަޤާމަށް މަގާމަށް ވާދަކުރެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު އަޒީލްއެވެ. ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ މުސްތަފާ މުޙައްމަދެއެވެ. މި މަގާމުތަކަށް އެންމެ މީހަކު ކުރިމަތިލާފައިނުވުމުން ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު، އަޙްމަދު އަޒީލާއި މުސްތަފާ މުޙައްމަދު، މި ކޮންމެ ބޭފުޅަކަށްވެސް ވަނީ 15 ވޯޓު ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަންގެ އެކްސްކޯއަށް ފަސް މެމްބަރަކު ވަނީ ވާދަކޮށްފައެވެ. އެއީ މުޙައްމަދު ސުޖާއު، މުޙައްމަދު ޝާހިދު، އިބްރާހިމް ޢުމަރު އަދި އަޙުމަދު ޝަގީފް އިތުރުން ޙުސައިން އަމީން ނަޞީރެއެވެ. މި ފަސް މެމްބަރުންގެ ތެރެއިން އެކްސްކޯއަށް އިންތިޚާބުވި ތިން މެމްބަރުންނަކީ މުޙައްމަދު ސުޖާއު އާއި އަޙުމަދު ޝާފީގާއި ޙުސައިން އަމީން ނަޞީރުއެވެ