ޚަބަރު

އާ ހެލްތް އިންޝިއުރެންސް ސްކީމުގައި 13000 ބިދޭސީން ބައިވެރިވެއްޖެ


ބިދޭސީންނަށް ޚާއްސަކޮށް އަލަށް އެކުލަވާލި ހެލްތް އިންޝިއުރެންސް ޕްލޭންގައި މިހާތަނަށް 13,000 އަށްވުރެ ގިނަ ބިދޭސީން ބައިވެރިވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފިއެވެ.ރާއްޖެއަށް އަލަށް އެތެރެކުރެވޭ ބިދޭސީންނާއި، އިންޝިއުރެންސްގައި ބައިވެރިނުވާ ބިދޭސީން އަދި އެހެނިހެން އިންޝިއުރެންސް ސްކީމްތަކުގައި ތިބި ބިދޭސީންވެސް ޖުލައިމަހުގެ ނިޔަލަށް އަލަށް އެކުލަވާލި އިންޝިއުރެންސް ސްކީމްގައި ބައިވެރިވުން ލާޒިމްކުރެއެވެ. އިމިގްރޭޝަންގެ މީޑިޔާ އޮފިޝަލް ހަސަން ޚަލީލް ވިދާޅުވީ ދުވާލެއްގެ މައްޗަށް ތިންސަތޭކައާއި، ހަތަރު ސަތޭކައާއި ދެމެދުގެ އަދަދަކަށް ވިސާ ޖަހައިދޭއިރު، އިންޝިއުރެންސް ސްކީމްގައި ބައިވެރިވެފައިވޭތޯ އިމިގްރޭޝަނުން ބަލާކަމަށެވެ. އަދި މިހާރު ތަފާތު އިންޝިއުރެންސް ސްކީމްތަކުގައި ބައިވެރިވެފައިތިބި ބިދޭސީންނަށް އެ ސްކީމްތަކުގެ މައްދަތު ހަމަވަންދެން މަޑުކުރުމުގެ އިހްތިޔާރު އެބައޮތް ކަމަށްވެސް ޚަލީލް ފާހަގަކުރެއްވިއެވެ. ނަމަވެސް ޚަލީލް ވިދާޅުވީ އެލައިޑުން މެނޭޖްކުރާ އާ އިންޝިއުރެންސް ސްކީމަކީ ކުރީގެ ސްކީމްތަކާއި، ޚިލާފަށް ބިދޭސީންނަށް ފައިދާބޮޑު ގޮތަކަށް ބައްޓަންކުރެވިފައިވާ ސްކީމަކަށްވާތީ އާ ސްކީމްގައި ބައިވެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ. ބިދޭސީންގެ އިންސިއުރެންސް ސްކީމްތަކުން ކުރިން ކަވަރ ކުރަނީ 50،000 ރުފިޔާއެވެ. އެއީ ޕްރިމިއަމްގެ ގޮތުގައި އަހަރަކު 350 ރުފިޔާ ދައްކައިގެންނެވެ. ނަމަވެސް އާ ސްކީމްގައި 550 ރުފިޔާ އަހަރަކު ދައްކަންޖެހޭއިރު، 100،000 ރުފިޔާ ކަވަރކުރެއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރަމުންދަނިކޮސް މަރުވާ ބިދޭސީންގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމުގެ ޚަރަދާއި، ޕްރިމިއަމްއާއެކު އަހަރަކު އިތުރު 200 ރުފިޔާ ދެއްކުމުން، ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ޚަރަދުތައްވެސް އާ ސްކީމްގެ ދަށުން ކަވަރުކުރެއެވެ.