ކުޅިވަރު

ސަންޗޯ ގަތުމަށް ޔުނައިޓެޑަށް 7 ދުވަސް


ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ޖޯޑަން ސަންޗޯ ގަންނަން ބޭނުންނަމަ މެންޗެސްޓާ ޔުނައިޓެޑަށް ހަތް ދުވަހުގެ ފުރުސަތެއް ދީފިއެވެ.

އުމުރުން މިހާރު 20 އަހަރުގެ ކުޅުންތެރިޔާ ވިއްކަން ޑޯޓްމުންޑްއިން ކިޔަނީ 100 މިލިއަން ޔޫރޯއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާ ދާން ބޭނުންވަނީ ލިވަޕޫލަށެވެ. ސަބަބަކީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާ އޮތް ގާތްގުޅުމުގެ ތެރެއިންނެވެ.

ޑޯޓްމުންޑުން ބުނީ ސަންޗޯ ގަތުމަށް މި ގޮތަށް އަމަލުކުރަން އެކުލަބުން ބޭނުންވަނީ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިންގެ ކުރިމަގު ނިންމަން ބޭނުންވާތީ ކަމަށެވެ. ސަބަބަކީ އެހެންނޫންނަމަ އެކުލަބުގެ ސީޒަނަށް އެކަމުގެ ސަބަބުން ބުރޫއަރާނެތީއެވެ.

ޖަރުމަނުގެ އާ ސީޒަން ފަށަން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އިންޓަނޭޝަނަލް ޓްރާންސްފާ ބާޒަރު ބަންދުކުރާ ގޮތަށް ހަމަޖައްސާފައިވަނީ އޮކްޓޫބަރު މަހުގެ ފަހެއްގައެވެ. ނަމަވެސް ގިނަ ކުލަބުތަކުން ވަނީ އާ ސީޒަން ފެށުމަށް ފަހު އެއްވެސް ކުޅުންތެރިއަކު ކުލަބު ބަދަލު ކުރަން ފުރުސަތު ދިނުމަކީ ޓީމުތަކަށް ވަރަށް ގިނަ ގޮތްގޮތުން ގެއްލުންވާ ކަމެއް ކަމަށް ބުނަމުންނެވެ.

ސަންޗޯގެ ޑޯޓްމުންޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ. އޭނާ ޑޯޓްމުންޑަށް ދިޔައީ މެންޗެސްޓާ ސިޓީން 10 މިލިއަން ޔޫރޯ އަށެވެ.