ޚަބަރު

ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހޯމް ކަރަންޓީންގެ ޤަވާއިދަށް އަމަލުކުރުން މުހިންމު


އަތޮޅުތަކުގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ހޯމް ކަރަންޓީންގައި ތިބޭ މީހުން ޤަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުން އިތުރުވެ ދިވެހިން މިބައްޔަށް ޕޮޒިޓިވްވާ އަދަދު ރިކޯޑް އަދަދަކަށް މިހާރު އިތުރުވެފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ރައްކާތެެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، 1 އޮގަސްޓުން ފެށިގެން 535 މީހުންނަށް ހޯމް ކަރަންޓީނަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެގޮތައް ހޯމް ކަރަންޓީން ވުމަށް ހުއްދަ ދީފައިވާ ބައެއް މީހުން، އެންމެ އެކަށޭނަގޮތެއްގައި ޤަވާއިދުތަކަށް އަމަލުނުކުރާކަން ފާހަގަކުރެވޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އެފަދަ ބައެއް މީހުން ރަށަށް ދިއުމަށްފަހު ކަރަންޓީން ވުމުގެ ކުރިން ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކުރާކަން ފާހަގަކުރެވޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިހެން ކަންތައް ކުރުމުގެ ސަބަބުން ތިމާއާއި އެހެން މީހުން ނުރައްކަލަށް ހުށަހެޅޭކަން ފާހަގަކުރައްވަމުން ޑރ، ނަޒްލާ ވަނީ އަތޮޅުތަކުގައި ކޯވިޑް-19ގެ ކޭސްތައް މަދުކުރުމަށް ހޯމް ކަރަންޓީނަށްދާ މީހުން ޤަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް ގޮވާލައްވާފައެވެ. އަދި އެގޮތަށްދާ މީހުން ކަރަންޓީން ވުމަށްފަހު ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާކަން ފާހަގަވާނަމަ އެކަން ރިޕޯޓްކުރުމަށްވެސް ޑރ.ނަޒްލާ ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަށް ކޮންމެ މީހަކު ކަރަންޓީންވެގެން ގޭގައި ތިބިތޯއެއް ޗެކްއެއް ނުކުރެވޭނެ. މިކަމަކީ ފަރުދީ ޒިންމާ. މިކަން އެންމެން ޖެހޭނެ ހަނދާންކުރަން. އެއަރޕޯޓްތަކުން އަންނަ ދިވެހިންވެސް ކަރަންޓީން ޑޮކިއުމެންޓްވެސް ފުރިހަމަކުރަން. ރަށްރަށަށް ކަރަންޓީންވާ މީހުން ދެކިލަން ޖެޓީދޮށަށްދާ މީހުންވެސް އެބަތިބި. ކަރަންޓީން ވުމުގެ ކުރިން މިފަދަގޮތަކަށް ބައްދަލުވުމުން މި ހުށަހެޅެނީ ނުރައްކަލަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މުދާ އުފުލާ ބޯޓުފަހަރުތަކުން ދަތުރުކުރާ މީހުން ނުވަތަ ބޯޓުގައި މަސައްކަތްކުރާ މީހުން ޤަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުންވެސް މި ބަލި ރަށްރަށަށް ފެތުރުމުގެ ބިރު ބޮޑުކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު، މާލެ އައުމަށްފަހު އެޗްޕީއޭއިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ޚިލާފަށް އަމަލުކުރުމަށްފަހު އެނބުރި ރަށަށްދާ މަގުމަތީގައި އެކި ރަށްރަށަށް މުދާ ބޭލުމުގެ ތެރޭގައްޔާއި އެނބުރި ރަށަށްގޮސް އަމަލުކުރާ ގޮތުގެ ސަބަބުން މި ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ބޯޓުފަހަރުގެ ފަޅުވެރިންވެސް ރައްކާތެރިިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުން މުހިންމު ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީން ދަނީ މިފަދަ ބޯޓުތަކުގެ ޙާލަތު އިތުރަށް ބެލުމަށް މިފަދަ ބޯޓުތަކުން އެކްޓިވް ސާމްޕަލް ނަގާ އަދަދު އިތުުރުކުމަށްވެސް މަސައްކަތްކުރަމުންނެވެ.