ޚަބަރު

އަފްޣާނިސްތާނުގެ ޖަލަކަށް އައިއެސްއިން ދިން ޙަމަލާއެއްގައި ގިނަ ޢަދަދެއްގެ ޤައިދީން ފިލައިފި


އައިއެސް ޖަމާޢަތުން އަފްޣާނިސްތާނުގެ ޖަލަކަށް ދިން ޙަމަލާއެއްގައި ގިނަ ޢަދަދެއްގެ ޤައިދީން ފިލައިފިއެވެ. އައިއެސުން އެ ޙަމަލާ ދީފައިވަނީ ނަންގަހާރު ޕުރޮވިންސުގެ ވެރިކަންކުރާ ޖަލާލުއާބާދުގައި އެ ޖަމާޢަތުގެ އިސްވެރިއެއް މަރާލާފައިވާ ދަނޑިވަޅެއްގައެވެ.

އައިއެސް ޖަމާޢަތުންވަނީ ޖަލާލުއާބާދުގައި ހުންނަ ޖަލުގެ ބޭރުގައި ކާރެއް ގޮއްވާލައި އެ ޖަލުގައި ތިބި ފާރަވެރިންނަށް ޙާމަލާ ދީފައެވެ. އެ ޙަމަލާއި 21 މީހުން މަރުވެ 40އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. ޙަމަލާގެ ހަލަބޮލިކަމުގެ ތެރޭގައި 75 ޤައިދީންވަނީ ޖަލުން ފިލައިފައެވެ.

ޖަލުގައި ހައްޔަރުކޮށްފައިވާ ތިބި 1،500 މީހުންގެ ތެރޭގައި ގިނައީ އައިއެސްއަށް ނިސްބަތްވާ ހަނގުރާމަވެރިންކަމަށް ބެލެވެއެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ޙަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އަފްޣާނިސްތާނުގެ ފުލުހުންނަށް އެހީތެރިވުމަށް އެ ޤައުމުގެ ޚާއްޞަ ފައުޖަކުން ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

އދން މިދިޔަ މަހުގެ ތެރޭގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އައިއެސްގެ 2،200 ހަނގުރާމަވެރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާކަމަށެވެ. އަފްޣާނިސްތާނުގައި އައިއެސުން މާބޮޑަށް ޙަރަކާތްތެރިނުވިނަމަވެސް ނުރައްކާތެރި ޙަމަލާތައް ދިނުމުގެ ޤާބިލުކަން އެ ޖަމާޢަތަށް ލިބިފައިވާކަމަށް އދން ބުނެއެވެ.