ވިޔަފާރި

މިފްކޯގެ ބޯޓުތަކުން މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރަނީ


މަސްވެރިންގެ އަތުން މަސްގަތުމުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުތަކުން މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މަސްވެރިން މަަހަށް ނިކުމެ އުޅޭ އިރު، މަސް ކިރުމުގައި މިފްކޯގެ މަސް ބޯޓުތައް ބޮޑު ރޯލެއް އަދާކުރެއެވެ. މިފްކޯގެ މަސް ކާރުހާނާއަކާ ހަމައަށް ދިގު ދަތުރެއް ކުރުމުގެ ބަދަލުގައި މިފްކޯގެ މަސް ގަންނަ ބޯޓުތަކަށް މަސް ވިއްކުމުގެ ފުރުސަތު އޮވެއެވެ.

ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރަކީ ސެޕްޓެމްބަރުމަހުން ފެށިގެން އޭޕްރީލްމަހާއި ހަމައަށް ކަމަށެވެ. ޕީކް ސީޒަން ކުރިއަށް އޮތް އިރު މިފްކޯއިން ދަނީ މިކަމަށް ތައްޔާރުވަމުން ކަމަށް ފައުޒީ ވިދާޅުވިއެވެ.

"މަސްވެރިންގެ އަތުން މަސް ގަތުމުގައި ހަރަކާތްތެރިވާ މަސް ބޯޓުތައް މަރާމާތުކޮށް، ބޯޓުތަކުގައި މަސް ރައްކާކުރެވޭނެ މިންވަރު ވަނީ އިތުރުކޮށްފައި، އަދި ފެލިވަރު ބަނދަރުގައި އޮތް މިފްކޯ 101ވެސް މަރާމާތުކޮށް، 60 ޓަނާއި ހަމައަށް އޭގައި މަސް ފްރީޒް ކުރުމަށް މި މަސައްކަތްކުރަނީ،" ފައުޒީ ވިދާޅުވިއެވެ.

ފެލިވަރު ބަނދަރުގައި އޮތް މިފްކޯ "101" މަސް ބޯޓު ވަނީ މަރާމާތަށް ބޭނުންވެފައެވެ. މި ބޯޓު ޑޮކްކޮށް މަރާމާތުކޮށް ނިމުމުން 100 ޓަނާއި ހަމައަށް ފްރީޒްކުރުމުގެ ޤާބިލްކަން ހުންނާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. މިހާރު އެބޯޓުގައި ފްރީޒް ކުރެވެނީ 30 ޓަނުގެ މަހެވެ. އަދި މިވަގުތަށް ކުދި މަރާމާތުތައްކޮށް އެ ބޯޓުގައި މަސް ފްރީޒްކުރުމުގެ ޤާބިލްކަން 60 ޓަނަށް އިތުރުކޮށްފައިވާ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މި ސައިޒުގެ ބޯޓުތައް ޑޮކުކުރުމުގެ ޤާބިލްކަމެއް ރާއްޖޭގައި ނެތުމުން، ޑޮކްކުރަން ގެންދަން ޖެހެނީ ސްރީލަންކާގެ ކޮލޮމްބޯގެ ޑޮކް ޔާޑަކަށެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން މި މަސައްކަތްވަނީ މަޑުޖެހިފައިކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ދެކުނުގައިވެސް މަސްވެރިންގެ އަތުން މަސް ގަތުމުގައި 6 އުޅަނދެއް ހަރަކާތެރިވެއެވެ. މި ބޯޓުތަކުގެ ތެރެއިން 5 ބޯޓެއް މަރާމާތުކުރަމުންދާއިރު، ދެން އޮތް ބޯޓުވެސް ޢީދު ބަންދަށްފަހު މަރާމާތުކުރެވޭނެކަމަށް މިފްކޯއިން ބުނެއެވެ.