ޚަބަރު

ގަޔާނާގެ ރައީސްކަމުގެ ހުވައި ޢިރުފާން ޢަލީ ކުރައްވައިފި


ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ގަޔާނާގެ ރައީސްކަމުގެ ހުވައި ޢިރުފާން ޢަލީ ކުރައްވައިފިއެވެ.

މާރިޗު މަހުގެ 2ވަނަ ދުވަހު ގަޔާނާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަމަށް އޭރު ވެރިކަމުގައި ހުންނެވި ޑޭވިޑު ގުރެންޖަރވަނީ ވިދާޅުވެފައެވެ. ނަމަވެސް ވޯޓުލާ މީހުންގެ ޢަދަދު އެންމެ ގިނަ ސަރަޙައްދުގެ ނަތީޖާއަށް ބަދަލުގެނެސްފައިވާކަމަށް އިދިކޮޅުންވަނީ ތުހުމަތުކޮށްފައެވެ. އެއަށްފަހު އެ ޤައުމުގެ އެންމެ މަތީ ކޯޓުންވަނީ އެ ސަރަޙައްދުގެ ވޯޓުތައް ގުނާފައިވަނީ އިންތިޚާބީ ޤާނޫނުތަކާ އެއްގޮތަށް ނޫންކަމަށް ނިންމައި އަލުން ވޯޓުތައް ގުނުމަށް ޢަމުރުކޮށްފައެވެ.

ޖޫން މަހުގެ ތެރޭގައި އަލުން ވޯޓު ގުނުމަށްފަހު އިޢުލާނުކުރި ނުރަސްމީ ނަތީޖާއިން ދެއްކިގޮތުގައި އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕަލްސް ޕުރޮގްރެސިވް ޕާޓީ، ޕީޕީޕީގެ ފަރާތުން ވާދަކުރެއްވި ޢިރުފާން ޢަލީއެވެ. އެއާއެކު އެމެރިކާއިންވަނީ ރައީސްގެ މަޤާމުގައި އޭރު ހުންނެވި ޑޭވިޑް ގުރޭންޖަރ އިސްތިޢުފާ ދެއްވުމަށް ގޮވާލައިފައެވެ.

800،000 މީހުންގެ އާބާދީއެއް އޮންނަ ފަޤީރު ޤައުމެއްކަމަށްވާ ގަޔާނާއިންވަނީ ވަރަށް ފަހުން ތެޔޮ ފެނިފައެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ބެލެވެއެވެ. ނަމަވެސް ތެޔޮ ފެނުމުން އެ ޤައުމުގެ ސިޔާސީ މައިދާންވެސްވަނީ ކުރިއަށްވުރެ ހަލަބޮލިވެފައެވެ.