ވިޔަފާރި

އޭސް އޭވިއޭޝަންގެ ޓިކެޓް އޮފީސް ވަގުތީގޮތުން ބަންދުކޮށް، ޙިދުމަތްތައް އޮންލައިންކޮށްފި


މާލޭގައި ކޯވިޑް19 ހަލުވިކަމާއިއެކު ފެތުރެމުންދާތީ އޭސް އޭވިއޭޝަންގެ ޓިކެޓް އޮފީސް ވަގުތީގޮތުން ބަންދުކޮށް އޮންލައިންކޮށް ޙިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މިއީ ކޯވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީ ޒިންމާގެ ދަށުން އެ ކުންފުނިން ނިންމި ނިންމުމެއްކަމަށެވެ. ޓިކެޓިން އޮފީސް ބަންދު ކުރިނަމަވެސް އެ ކުންފުނީން ދޭ ޓިކެޓު ވިއްކުމުގެ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭސް އޭވިއޭޝަންގެ ޓިކެޓް އޮފީސް ބަންދުކުރީ އިއްޔެއެވެ. ފިރާޤް ވިދާޅުވީ މިއީ ވަގުތީގޮތުން ބަންދުކުރި ބަންދުކުރުމެއްކަމަށެވެ.

"ކޭސްތައް އިތުރުވާތީ ހިތައްއެރީ 10 ވަރަކަށް ދުވަހަށް ބަންދުކޮށްލާނީއޭ. ހުރިހައި ޑިއުޓީ މޯބައިލަތަކަށް އެޓެންޑްވާނެ. ޓިކެޓްނަގާ ގިނަ ފަރާތްތަކަށް ގުޅާނެ ނަންބަރުތައް އެނގޭނެ، އޮފީހުގައިވެސް ނަންބަރުތައް ހަރުކޮށްފައިވާނެ." ފިރާޤް ވިދާޅުވިއެވެ.

އޭޝް އޭވިއޭޝަންގެ އޮފީހާއި ޓިކެޓް ކައުންޓަރު ވަގުތީގޮތުން ބަންދުކުރިނަމަވެސް އެކަމަށް ޙާއްސަކޮށްފައިވާ ނަންބަރުތަކަށް ގުޅައިގެން ޙިދުމަތް ހޯދޭނެއެވެ.

އޭޝް އޭވިއޭޝަންއަކީ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ސްރީލަންކަން އެއަރލައިން ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. އަދި މިމަހުން ފެށިގެން ރާއްޖެއާއި ކޮލަންބޯއާއިދެމެދު ހަފްތާއަކު 5 ދަތުރު އެ އެއަރލައިނުން ކުރާނެކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ.