ޚަބަރު

ޔާސިރު ޔަހްޔާ މަރުވެއްޖެ


އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔަމަނުގެ ރައްޔިތެއްކަމަށްބުނާ ޔާސިރު ޔަހުޔާ މަރުވެއްޖެއެވެ.

ޔާސިރު މަރުވެފައިކާން ކަރެކްޝަނުން ވަނީ ޕީއެސްއެމް ނިއުސް އަށް ޔަގީންކޮށް ދެއްވާފައެވެ. އޭނާ މަރުވެފައިވަނީ ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:25 ކަން ހާއިރު އައިޖީއެމްއެޗްގައެވެ. ހުޅުމާލޭ ޖަލުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ފަހުކޮޅުގައިވެސް އޭނާވަނީ ކެއުން ހުއްޓާލައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްކޮށްފައެވެ. ނަމަވެސް އޭރުވެސް ހޮސްޕިޓަލަށް ގެންގޮސްފަރުވާދިންފަހުން އޭނާވަނީ އަލުން ކާންފަށާފައެވެ. 2016ވަނަ އަހަރު ޔަމަނުގެ ޢަރަބި ޓީޗަރެއްގެ ގޮތުގައި ރާއްޖެ ގެނައި ޔާސިރު ޔަހުޔާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ފާހަގަކުރުމާއި، ޓެރަރިޒަމާއި ގުޅުންހުރި ބެކްގްރައުންޑެއްވެސް އޭނާގެ އޮންނަކަން އެނގުމުން ކޯޓް ޢަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ 2017ވަނަ އަހަރުގެ މާރިޗް މަހުގެ 3ވަނަ ދުވަހުއެވެ.

ހާލުހުރި ގޮތުން ގޭބަންދަށް ބަދަލުކޮށް ދިނުމަށް ޔާސިރުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލައއްވެސް ހުށަހަޅާފައެވެ. މި މައްސަލައަކީ އޭނާގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިިމެންދެން އޭނާ ގޭބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ސިވިލްކޯޓުންވަނީ ޔާސިރު ޔަހުޔާ ގޭ ބަންދަށް ބަދަލު ކުރުމުގެ ވަގުުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފައިވެއެވެ.

ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމާ ގުޅުންހުރި މީހެއްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ ދޫކޮށް ދިއުމަށް އޭނާއަށް އެތައް ފަހަރެއްގެ މަތިން އަންގާފައިވާކަމަށާ، ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް ޕާސްޕޯޓް ގެއްލިފައިވާކަމަށް ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ. އަދި ބައެއް ފަހަރު ޕާސްޕޯޓް ޔަމަނަށް ފޮނުވާލާފައިވާކަމަށްވެސް އޭނާ ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން މީގެކުރިން ވިދާޅުވިއެވެ. އޭނާ ފުރަން އެއްބަސްވެއްޖެނަމަ އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާ ފުރުވާލެވޭނެކަމަށް މިދިޔަ އަހަރު ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.