ޚަބަރު

ޕޮޒިޓިވްވާ ދިވެހިންގެ ތެރޭގައި ހައިރިސްކް މީހުންނާ ގިނަ ކުޑަކުދިން، ވިސްނާކަށް ނުވޭތަ؟

އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ 7 ކުއްޖަކާއި 50 އަހަރުން މަތީގައި 21 މީހުން ހިމެނޭކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއިން ކޯވިޑް ބަލި ފެނި ދިވެހިންގެ ތެރޭގައި ބަލި ފެތުރެން ފެށީ މާލެއިން މި ބަލީގެ މީހަކު ފެނުނު ހިސާބުންނެވެ. އެއާއިއެކު މާލެ ސަރަހައްދުން ފުރަބަންދުކޮށް ބަލިން ރައްކާތެރިވިމަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ރާއްޖެއިން މިބަލީގެ މީހުން ރެކޯސްކުރެވުނު އަދަދުތަކަށް ބަލާއިރު މިހާތަނަށް އެންމެ ގިނަ މީހުންނަށް ބަލިޖެހުކަން ރިޕޯޓްކޮށްފައިވަނީ މި ބަލީގެ އެންމެ ޕީކް ބޮޑުކަމަށް ބެލެވުނު ދުވަސްވަރުއެވެ. އެއީ އޭޕްރިލްމަހުގެ 30 ވަނަދުވަހުއެވެ. އެދުވަހު 179 މީހުން މި ބައްޔަށް ޕޮޒިޓިވްވިނަމަވެސް ދިވެހިންގެ އަދަދަކީ އެންމެ 9 މީހުންނެވެ.

ކޯވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދު ފުރަބަންދުގައި އޮންނަތާ 40 ދުވަސް ފަހުން ފުރަބަންދު އުވާލައި ދިން ލުއިތަކާއި އެކު އެންމެން މިވަނީ އަނެއްކާވެސް ކުރީގެ ދިރިއުޅުމަށް އެންބުރެން ފަށާފައެވެ. ކޮފީތަކާއި މަސްދަތުރުތަކާއި ޕާޓީތަކާއި އެއްތަނަކަށް އެއްވެ މަޖާކުރުމާއި ބުރުޖެހުންތަކުގައި ވަގުތުތައް ހޭދަކުރަން ފަށާފައެވެ. އެއްވެސް ގައިދުރުކަމެއް ނެތްތާނގައި މާސްކު އަޅައިގެން އުޅުމަކީވެސް މޮޔައިން ކުރާކަމެއްކަމަށް ދެކޭ މީހުންވެސް ބައިވަރެވެ. ޚާއްސަކޮށް ޒުވާނުންގެ މި އަމަލުތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި މި ބަލި ފެތުރޭ މިންވަރު ދުވަހުން ދުވަހަކަށް މި އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުނެވެ.

ޒުވާނުންނަށް ހީވެފައި މި އޮތީ ބަލިޖެހިފައި އެއްވެސް ކަމެއް ނުވެ ރަނގަޅުވާކަމެވެ. ހުރިހާކަމެއް އެންމެ މޮޅަށް ވިސްނޭކަމަށް ބުނާ ދިވެހިންނަށް ނުސްވީނޭ ކަމަކީ ބަލިޖެހިގެން ގެއަށް ވަނުމުން ނުރައްކަލަށް ހުށައެޅެނީ އޭނާގެ ދުވަސްވީ މައިން ބަފައިންނާއި ގޭގައި ތިބި ތުއްތުކުދިންކަމެވެ.

ފުރަބަންދާއި އެކު ދިން ލުއިތަކާއި އެކު ހޮނިހިރު ދުވަސްވެފައި މިވަނީ އެންމެ ގިނަ ދިވެހިން މި ބައްޔަށް ޕޮޒިޓިވްވެ ރެކޯޑް އަދަދަކަށް ދިވެހިންނަށް ބަލި ޖެހުނު ދުވަހަކަށެވެ. އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނި 134 ދިވެއްސަކަށް މިވަނީ ކޯވިޑް ޖެހިފައެވެ. މީގެތެރޭގައި ހައިރިސްކް ކެޓަރީގައި ހިމެނޭ މީހުންނާއި ކުޑަކުދިން ހިމެނޭކަން ހިތާމައާއި އެކު ފާހަގަކުރަންޖެހެއެވެ.

ހޮނިހިރު ދުވަހު މި ބައްޔަށް ޕޮޒިޓިވް ކުޑަކުދިންގެ ތެރޭގައި 5 އަހަރުން ދަށުގެ 7 ކުއްޖަކު ހިމެނެއެވެ. މީގެތެރޭގައި އުމުރުން އެންމެ 1 އަހަރުގެ ދެ ކުދިންނާއި 2 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ 2 ކުއްޖަކާއި 4 އަހަރުގެ ތިން ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކު ހިމެނެއެވެ. މިއީ ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދެވެ. މީގެއިތުރުން ފަސްއަހަރާއި 10 އަހަރާއި ދެމެދުގެ 8 ކުއްޖަކަށްވެސް އިއްޔެ ބަލި ޖެހިފައިވާކަން ހިސާބުތަކުން ދައްކައެވެ. ކުޑަކުދިންގެ ވާހަކަ މި ފާހަގަކުރީ އެކުދިންނަަކީ މި ބަޅިގެ އެންމެ ލޯ ރިސްކު ކެޓަގަރީކަން އެނގިހުރެއެވެ. އެހެންނަމަވެސް އެ ވަރު ކުއްޖަކު ބަލިވުމުން އެ ކުއްޖާގެ މައިބަފައިން އުފުލާނެ ވޭނާއި ކުރާނެ އަސަރު އެެއްވެސް މީހަކަށް ނޭގޭނެކަމަށް ގަބޫލުނުކުރެވޭތީއެވެ.

މި ބަލީގެ ނުރައްކާ މުޖްތަމައުގެ ތެރޭގައި ބޮޑުވަމުން އަންނައިރު ބަލިޖެހޭ އުމުރުން ދުވަސްވީ މީހުންގެ އަދަދުވެސް މި އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުންނެވެ. އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އުމުރުން 50 އަހަރުން މަތީގައި 20 މީހަކު ހިމެނެއެވެ. މީގެތެރޭގައި 80 އަހަރުގެ މީހަކާއި 82 އަހަރުގެ ދެ މީހަކު ހިމެނެއެވެ. އަދި ފަސްދޮޅަހާއި އަށްޑިހަ އަހަރާއި ދެމެދުގެ 9 މީހަކުވެސް އެބަ ހިމެނެއެވެ. މި އެންމެނަކީވެސް މުޅިން ހައި ރިސްކްގެ މީހުންނެވެ.

ދިވެހިންގެ ތެރޭގައި ކޯވިޑް-19 ފެތުރޭވަރު އިތުރުވާނަމަ ރާއްޖެއިން މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް ޑޮކްޓަރުން ބުނަމުން އަންނައިރު ރޭވެސް މި ވަނީ މިބަލީގައި ދިވެއްސަކު ދުނިޔެ ދޫކޮށްފައެވެ. އުމުރުން 52 އަހަރުގެ މި އަންހެން މީހާ ހުން އައިސް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހަވީރު 4:40 އެހާއިރުއެވެ. މި މިހާ މި ބަލީގައި ދުނިޔެ ދޫކޮށްފައިވަނީ 11:20 އެހާކަންހާއިރުއެވެ. އެެންމެ ހަތް ގަޑިއިރުގެ ތެރޭގައެވެ. މިވަރުން ވިސްނާލަން ނުފުދޭ ހެއްޔެވެ؟

ބަލި ޖެހޭ މީހުްނ އިތުރުވެ ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ހިގައިދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދެމުން އަންނައިރު މިވަގުތިވެސް 72 މީހުން ތިބީ މި ބަލީގައި އެޑްމިޓެކޮށްފައެވެ. މީގެތެރެއިން 2 މީހަކަށް އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ.

މި ބަލީގައި މަރުވަނީ ވަރަށް އުމުރުން ދުވަސްވީ ވެންޓިލޭޓަރުގައި ފަރުވާދޭތާ ގިނަދުވަސްތަކެއް ވީ މީހުންކަމަށް ބައެއް މީހުންނަށް ހީވިނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ދުނިޔެ ދޫކުރި ދިވެހި އަންހެންނާގެ މަރާއި އެކު މިކަން މި ވަނީ މީހެން ނޫންކަންވެސް ޤަބޫލުކުރަންޖެހެއެވެ. އެމީހާގެ އުމަރަކީ 52 އަހަރެވެ. ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ބަލީގެ ނުރައްކާ ބޮޑުކަމުގެ އަނެއް ސިގްނަލަކީ މި ބަލީގެ މީހުންނަށް ހިދުމަތްކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުންނަށް މި ބަލި ޖެހެން ފެށުމެވެ. އެގޮތުން މިދިޔަމަހު އެކަނިވެސް ސިއްޙީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ 37 މީހަކު ބައްޔަށް ޕޮޒިޓިވްވެ އެކަހެރިކުރަން ވަނީޖެހިފައެވެ. މީގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންވެސް ގިނަ އަދަދަކަށް އެބަ ހިމެނެއެވެ.

މި ހުރިހާ ނަމްބަރުތަކާއި މަންޒަރުތަކަށް ބެލުމަށްފަހު ދިރިއުޅުމުގެ އާދަތައް ބަދަލުކުރާކަށް އަދިވެސް ނުވޭބާއެވެ. ކުރީގެ އާދަތައް ދޫކޮށްލައި އައު އާދަތަކަށް ބަދަލުވާކަށް ވިސްނާކަށް ނުވޭބާއެވެ. ކޮންމެހެން ދުވާލަކު ތިން ހަތަރު ފަހަރު ރައްޓެހިންނާއި އެކު ގްރޫޕް ހަދާފައި ކޮފީ ބޯން ނުވަތަ ބުރުޖަހަން ދާންޖެހޭ ބާއެވެ. ތިމާގެ ގަޓް ހުރިކަން ބުނެދެނީ ނުކުމެ މަގުމަތީގައި ކުރާނެކަމެއް ނެތި ހޭލަ މޭލަވެ އުޅުމަކުން ނޫނެވެ. ނުވަތަ މާސްކު ނާޅާ ނުކުމެ އުޅެ ބައްޔަށް ހުށައެޅުމެއްވެސް ނޫނެވެ.

ގަޓުކަމަކީ މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމެވެ. ކުރާ އެންމެ ކަމަކުން ދުވަސްވީ މައިން ބަފައިންނާއި މުޅި އާއިލާ ބަލީގެ ބިރުވެތިކަމަށް ވައްޓާ ނުލާ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމެވެ. ނުކުތްނަމަވެސް މާސްކު އަޅާ ނަމޫނާ އެންމެންނަށް ދެއްކުމެވެ.

ލީނާ

ހުރަހާމެންވެސް ގޭގަ ނިކަން ހުރެބަލަ

މަ

ވިސްނަންވީ އަދިވެސް މީހުންތޯ؟ ލޮކްޑައުންގަ ވެސް އެހާގިނަމީހުން ބޭރުގަ އުޅުނު، ދެން ދޫކޮށްލީމަ ކިހިނެއް ވާނީ؟ އެހާވަރު ސަރުކާރަށް ނުވިސްނޭ؟؟

އަލީ

ފަސް އަހަރުން ދަށުގެ 7 ކުއްދިން އެއީ އެންމެ ލޯރިސްކް ކެޓެގަރީ. ނަމަވެސް 65 އަހަރުން މަތީގެ މީހުން އެއީ އެންމެ ހައި ރިސްކު ކެޓެގަރީ. އެފަދަ މީހުންނާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ.