ޚަބަރު

ޔާސީންގެ ކެކްޓަސް ކެންވާސް : ދައްކައިދެނީ ފަލަސްތީންގެ ހިތްދަތި ދިރިއުޅުން


ކުރެހުމަކީ ދުނިޔޭގައި އެންމެ އަންޑަރ ރޭޓެޑް ނުވަތަ އެންމެ ދަށް ކޮއްލެވިފައިވާ އެއް ޕްރޮފެޝަންއޭ ބުނެވިދާނެއެވެ. އެގޮތުން ކުރެހުންތެރިންނާއި ދިމާލަށް "ތިކުރަނީ ކީއްހޭ؟"، "ތިދެން މީހަކު ކުރާކަހަލަ ކަމެއްހޭ؟" ފަދަ ސުވާލުތަކަކީ އާންމުކޮށް ކުރިމަތިވާ ސުވާލުތަކެވެ. މި ސުވާލުތަކުގެ ސަބަބުން ކުރެހުމުގެ ހުނަރު ލިބިފައިވާ އެތަކެއް ކުރެހުންތެރިންނެއް މި މަސައްކަތް ހުއްޓާލާފައިވެސް އެބަހުއްޓެވެ.

އެހެންނަމަވެސް، ކުރެހުމުގެ ދާއިރާއިން ކުރިއަރާ މުޅި ދުނިޔެ ހައިރާން ކޮއްލާފަދަ އެތަކެއް އާޓިސްޓުންތަކެއް މިދުނިޔެ ވަނީ ދެކެފައެވެ. ލިޔުމުން ނުވަތަ ބުނެދިނުމުން ބަޔާންކޮށް ނުދެވޭފަދަ އެތައް ކަމެއް ކުރެހުންތެރިންގެ ކުރެހުންތަކުން ދާދި ފަސޭހައިން ބުނެދެއެވެ. މިކުރެހުންތައް ކިޔާދޭކަށް އިތުރު ތަރުޖަމާނެއް ނުވަތަ ޝާޢިރެއްގެ ލިޔުމެއް ބޭނުމެއް ނުވެއެވެ.

މިފަހަރުގެ މި ލިޔުންވެސް މި ޚާއްސަކޮށްލަނީ ހަމަ މިފަދަ ކުޅަދާނަ ކުރެހުންތެރިއަކަށެވެ. ދުނިޔޭގައި އެންމެ ހާލުގައި ދިރިއުޅެމުންދާ އެއް ޤައުމު، ފަލަސްތީންގެ މި ކުރެހުންތެރިޔާގެ ކުރެހުންތައް މިއަދު މިވަނީ މުޅި ދުނިޔޭގެ ސަމާލުކަމާއި މަޤުބޫލުކަން ހޯދާފައެވެ.

ފަލަސްތީންގެ އެންމެގިނަ ކުރިމަތިލުންތައް މިހާރު ހިނގާ ވެސްޓް ބޭންކްގެ ނާބުލްސް އަވަށަށް އުފަން އަހުމަދު މުހައްމަދު ޔާސީންގެ ކުރެހުންތައް މިއަދު މިވަނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ނޫސް އޭޖެންސީ ސީއެންއެންގެ ފަލަ ސުރުޚީތަކުންވެސް ޖާގަހޯދާފައެވެ.

ސީއެންއެންއަށް ދިން ބަސްތީގަތުމެއްގައި ޔާސީން ވަނީ އޭނާގެ ދިރިއުޅުގެ ކަޅު ޞަފްޙާތައް ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ ދިރިއުޅުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ބިރުވެރިކަމާއި ހިތްދަތިކަމުގައިކަމުން އޭނާ މިކަންކަން ބަޔާންކުރުމަށް ކުރެހުމަށް ޝަޢުޤުވެރިވީކަމަށް އޭނާ ބުންޏެވެ. އެގޮތުން މިކަން ކުރުމަށް މާ ގިނަ ވަސީލަތްތަކެއް ނެތުމުން އޭނާ މި މަސައްކަތް ފެށީ އެންމެ ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން ގެއިން ލިބެން ހުރި ބައެއް ތެލ ތަށީގައި އޭނާ އެންމެ ފުރަތަމަ ކުރަހަން ފެށިއިރު، މިކަމަށް ޢާއިލާއިން މާބޮޑު ތަރުޙީބެއް ނުދިނުމުން އޭނާ ގެއިން ބޭރުން ކުރަހަން ރަނގަޅުތަންތަން ހޯދަން ފެށިއެވެ. އެގޮތުން އޭނާގެ ގެއާއި މާދުރުނޫން ބަގީޗާއެއްގައި އިން ކެކްޓަސްގަހެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. މިއަދު މި ކެކްޓަސް ގަހަކީ މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ޔާސީންގެ ކެކްޓަސް ކެންވާސްއެވެ.

ގަހުގައިވާ ކުރެހުންތައް

ޔާސީން ބުނިގޮތުގައި އޭނާގެ ކުރެހުންތައް ކުރެހުމުގެ ކުރިން ކެކްޓަސް ގަހާއެކު ކަނެކްޝަނެއް ހޯދަން ޖެހުނެވެ. އެގޮތުން ކެކްޓަސް ގަހަކީ ކަށި ގިނަ ގަހެއްކަމުން ކުރަހަން ފެށުމުގެ ކުރިން ގަހަށް އަނިޔާ ނުވާގޮތައް މި ކަށިތައް ނައްޓާ ގަސް ސާފުކުރާކަން ޔާސީން ފާހަގަކުރިއެވެ.

ޔާސީންގެ ކެކްޓަސް ގަހުގައި މައިގަނޑު 7 ކުރެހުމެއް ކުރަހާފައިވެއެވެ. މިއިން ކޮންމެ ކުރެހުމަކުންވެސް ފަލަސްތީން ރައްޔިތުންގެ ހިތްދަތި ދިރިއުޅުން ދައްކުވައިދެއެވެ.

ޔާސީންގެ ކެންވާސްގެ އެންމެ މަތިން ފެންނަނީ މުސްކުޅި އަންހެނެއް ހިތާމައާއި ރުޅީގައި ހަޅޭއް ލަވާ މަންޒަރެވެ. މިކުރެހުމުން ދައްކުވައިދެނީ ފަލަސްތީނުގެ ބިންތަކަށް އަތްގަދަކޮށްގެން އުޅޭ އިސްރާއީލްގެ ސަބަބުން ފަލަސްތީނުގެ އާންމުން ތަހައްމަލުކުރަންޖެހޭ ހިތްދަތިކަމެވެ. ދިރިއުޅެން ޖެހޭ ބިރުވެރިކަމުގެ ޙާލަތެވެ.

މި ކެންވާސްގެ ދެވަނަ ކުރެހުން މާ ހިތްދައްޗެވެ. ދެވަނަ ކުރެހުމުގައި ކެކްޓަސްގަހުން ކިރު ބޯން އޮންނަ ތުއްތު ކުއްޖެއް ދައްކައިދެއެވެ. އެހެންނަމަވެސް ކިރުދޭ ކެކްޓަސްގަހުގައި ބަޑީގެ ވަޒަނެއް އަރާފައި އިންނަ ފަދައިން ލޯވަޅެއް ހެދިފައިވެއެވެ. މި މަންޒަރުން ފަލަސްތީނުގެ ތުއްތު މަޢުސޫމު ކުދިންގެ ހާލަތު އިތުރަކަށް ކިޔާދޭކަން ނުޖެހޭނެއެވެ.

މި ކެންވާސްގައި އިތުރު ތުއްތު ކުއްޖެއްވެސް ވަނީ ކުރަހާފައެވެ. އެކުއްޖާ ވަނީ އަތެއްގެ މަތީގައި ބާއްވާފައެވެ. ފޭރާމެއް ނެތެވެ. މައެއް އަދި ބަފައެއްގެ ރައްކާތެރިކަމެއްވެސް ނެތެވެ. ޔާސީން ބުނާގޮތުން ކުރެހުމުން ދައްކާދޭ އަތަކީ ތުއްތު ކުއްޖާގެ މަރުވެފައިވާ މަންމަގެ އަތެވެ. މިއީ އިސްރާއީލްގެ ކުޑަކުދިންގެ ޙާލަތެވެ.

މި ގަހުގައިވާ އިތުރު ކުރެހުމަކަށް ބަލާއިރު ފެނިގެންދަނީ ފުރާވަރަށް އަރަމުންދާ ފިރިހެން ކުއްޖެކެވެ. މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ދެއަތުގައިވަނީ މޫ ލާ ބަނދެވިފައެވެ. ހަމައެކަނި ވީދިފައިވާ ސޯޓެއް ލައިގެން ހުރި މި ފިރިހެންކުއްޖާގެ ހަށިގަނޑުވަނީ އަނަރޫފަވެފައެވެ. ބަނޑަށް ވަޒަނެއް އަރާ ވަނީ ޒަޚަމް ވެފައެވެ.

މީގެ އިތުރުން މި ކެންވާސްގައި ފަލަސްތީންގެ ވެސްޓް ބޭންކް ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ހިނގާ މިނިވަންކަމުގެ ހަރަކާތުގެ މަންޒަރުވެސް ވަނީ ދައްކާދީފައެވެ. އެގޮތުން އަތުގައި ގާބުރިއެއް ފަދަ ބާރުކުޑަ ކުޑަ ހަތިޔާރަކުން ފަލަސްތީނުގެ ރައްޔިތުން ހިތްމަތާއި މިންނަތާއެކު ކުރާ މަސައްކަތް މި ކުރެހުމުން ދައްކާދެއެވެ. އަދި ފަލަސްތީނުގެ ފުރިހަމަ މިނިވަންކަން ހޯދާ ކާމިޔާބީގެ އައްސޭރިއަކަށް ވާސިލްވެ، ފަލަސްތީންގެ ހަޤީޤީ ތަޅުދަނޑިން މިނިވަންކަންމަތީ ޤައުމު އަލުން އާރާސްތުކުރުވުމަށް ހުޅުވާލާ މަންޒަރުވެސް ވަނީ ދައްކާދީފައެވެ.

ޔާސީން ބުނީ އޭނާ ކެކްޓަސްގަހުގައ ކުރަހަން ނިންމީ ކެކްޓަސް ގަހަކީ ކެތްތެރި ގަހަކަށް ވާތީކަމަށެވެ. އެގޮތުން އެގަހަކީ އެންމެ ހޫނުގަދަތަންތަނުގައިވެސް ހެދިބޮޑުވާ ގަހަކަށް ވާއިރު، ފަލަސްތީނުގެ ރައްޔިތުންނަކީވެސް މިފަދަ ނުގުޑާ ޢަޒުމެއްގެ ވެރިބައެއްކަމަށް އޭނާ ބުންޏެވެ. އަދި ކެކްޓަސްގެ އަރަބިނަން ކަމަށްވާ "ސަބަރ"ގެ މާނައަކީވެސް ކެތްތެރިކަމެވެ.

ޔާސީންގެ މަސައްކަތް އެންމެ ކެކްޓަސްގަހެއްގައި ކުރެހުމަކުން ހުއްޓައެއް ނުލައެވެ. އޭނާ މިހާރު ދަނީ މި ބަގީޗާގައި ހުރި ބައެއް އެހެން ގަސްތަކުންވެސް އޭނާގެ ކުރެހުމުގެ ޖާދޫ ދައްކާދިނުމަށް މަސައްކަތް ކުރަމުންނެވެ. އޭނާގެ އަމާޒަކީ މި މަސައްކަތް ނިމުމާއެކު އޭނާގެ މި ބަގީޗާއަކީ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން މުޅި ދުނިޔެއަށް ދައްކާދޭ ލޯ ގަނޑަށް ވުމެވެ. ޔާސީންގެ އެންމެ ފުރަތަމަ ކެންވާސް ކެކްޓަސްގަހުންވެސް މިކަން ވަނީ ހާސިލްވެފައެވެ.