ޚަބަރު

ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިންނާއި ފުލުހުން މިދިޔަ މަހު ޕޮޒިޓިވްވި


ކޯވިޑްގެ މަސައްކަތުގައި ފްރަންޓް ލައިނުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ސިއްޙީ ޚިދުމަތްތެރިންނާއި ފުލުހުން މިދިޔަ މަހު ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑްގެ ރާއްޖޭގެ ހާލަތު ބަލަހައްޓަމުން އަންނަ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ވިދާޅުވީ މިދިޔަ މަހު އެކަނިވެސް ސިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ 37 މީހަކާއި 21 ފުލަހަކަށް ކޯވިޑް ޖެހިފައިވާކަމަށެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ސިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ 64 މީހަކު މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ލެބްޓެކްނީޝަނުންނާއި ރޭޑިއޯގްރާފަރުންގެ އިތުރުން އެޓެންޑެންޓުންނާއި ޓެކްނިކަލް މީހުން ހިމެނޭކަމަށްވެސް ޑރ ނަޒްލާ ވިދާޅުވިއެވެ. މީގެކުރިން މި ބަލި އެއްވެސް ޑޮކްޓަރަކަށް ޖެހުނުކަމެއް އެޗްއީއޯސީން ހާމަކޮށްފައެއްނުވެއެވެ.

ޑރ ނަޒްލާ ވިދާޅުވީ ސިއްޙީ ޚިދުމަތްތެރިންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ 60 ވުރެ ގިނަ ފުލުހުންވެސް މިހާތަނަށް މި ބަލި ޖެހި އެކަހެރިކުރަންޖެހިފައިވާކަމަށެވެ. އަދި މިއަދު އެކަނިވެސް 6 ފުލުހަކު ޕޮޒިޓިވްވެފައިވާކަންވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.

"މިހާތަނަށް އައިއިރު މުޅި ޖުމްލަ 64 ފަރާތެއް ހެލްތް ކެއަރ ވޯކާސް ތެރޭގައި ޕޮޒިޓިވްވެ ޖުލައި މަހު 37 މީހުން ޕޮޒިޓިވްވެފައިވޭ. ފުލުހުންގެ ތެރެއިން މިހާތަނަށް 67 ޕޮޒިޓިވްވެ، މިމަހު 21 މީހުން ޕޮޒިޓިވްވި އަދި މިއަދު 6 ފުލުހުން ޕޮޒިޓިވްވި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިސް ސަފުގައި، ޙަރަކާތްތެރިވާ މީހުންގެ ތެރޭގައި ސިއްޙީ ޚިދުމަތްތެރިންނާއި ފުލުހުންގެ އިތުރުން ސިފައިންނާއި އަސާސީ ޚިދުމަތްތައް ރައްޔިތުން ފޯރުކޮށްދޭ ބައެއް ތަންތަނުގެ މުވައްޒަފުންވެސް ހިމެނެއެވެ.