ޚަބަރު

ބަލި ޖެހުނު މީހުން އެތައް ގުނައެއް އިތުރު، 72 މީހުން އެޑްމިޓްކޮށްފަ


ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ހަވީރު 6 އަކުން މިއަދު ހަވީރު 6 އަކަށް 156 މީހަކުވަނީ ކޯވިޑް ޖެހިފައެވެ. މި އަދަދާއި އެކު މި ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު މިވަނީ ގާތްގަޑަކަށް 4000 ގާތްކޮށްފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ. 134 ދިވެއްސަކު އަލަށް މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާ މީހަކާއި، ސްރީލަންކާ މީހެކެވެ.

ރާއްޖެއިން ކޯވިޑް ފެނި މި ބަލީ ދިވެހިންގެ ތެރޭގައި ފެތުރެން ފެށީ އޭޕްރިލް މަހުގެ 15 ދުވަހުއެވެ. މީ އޭގެ ފަހުން އެންމެ ގިނަ އަދަދެއްގެ ދިވެހިން މި ބައްޔަށް ޕޮޒިޓިވް ދުވަހެވެ. އަދި ފުރަބަންދަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވި ދުވަސްވެސް މެއެވެ. މިހާތަނަށް އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވީ މިދިޔަ މަހުގެ 28 ވަނަދުވަހުއެެވެ. އެދުވަހު 92 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައެވެ.

މާލެއިން ކޯވިޑް ފެނި އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ފުރަބަންދުގެ ދުވަސްވަރު އޭޕްރިލް މަހުގެ 30 ވަނަދުވަހުއެވެ. އެދުވަހު މި ބައްޔަށް 179 މީހުން ޕޮޒިޓިވްވިއިރު ގިނައީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ބަލާއިރު މިހާތަނަށް 1936 ދިވެހިންނަށް މި ވަނީ މި ބަލިޖެހިފައެވެ. ބަލި ޖެހުނު ބިދޭސީންގެ އަދަދަކީ 2013 އެވެ. ބިދޭސީންގެ ތެރެއިން 1611 މީހުންނަކީ ބަނގްލަދޭޝް ރައްޔިތުންނެވެ.

މިބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 1305 އިތުރުވެފައެވެ. މީގެތެރެއިން 72 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މީގެތެރެއިން 65 މީހުންނަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާއިރު ވެންޓިލޭޓަރުގައި 2 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 5 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދު ފުރަބަންދުގައި އޮންނަތާ 40 ދުވަސްފަހުން ފުރަބަންދު އުވާލާ ދިން ލުއިތަކާއި އެކު ދިވެހިންގެ ތެރޭގައި މި ބަލި ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް މި ބަލީގެ މީހުން އަންނަނީ ފެންނަމުންނެވެ. އެޗްޕީއޭއިން ރޭ އާއްމުކުރި ހިސާބުތައް ދައްކާގޮތުން މާލޭ އިތުރުން 10 ރަށަކުން މި ބަލީގެ މީހުންވަނީ ފެނިފައެވެ.

މިގޮތުން ހއ.ކެލާ، އިހަވަންދޫ، ބ. އޭދަފުށި، ކަމަދޫ، ހިތާދޫ، ޅ ހިންނަވަރު، ކުރެންދޫ ، ވ ފުލިދޫގެ އިތުރުން މާލެ އަތޮޅު މާފުށިން މި ބަލީގެ ކޭސްތައް ވަނީ ފެނިފައެވެ، މީގެއިތުރުން ބ އަތޮޅުގައި ރިސޯޓް ތަރައްޤީކުރަމުން އަންނަ ސީސައިޑް ފިނޮޅުންވެސް ވަނީ މި ބަލީގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި 1375 ސާމްޕަލެެއް ނަގާފައިވާއިރު މިހާތަނަށް ޖުމްލަ 79817 ސާމްޕަލްވަނީ ނަގާފައެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 6 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2613 އަރާފައެވެ.

މިބަލި ޖެހިގެން މިހާތަނަށް 16 މީހުންވަނީ ރާއްޖެއިން ނިޔާވެފައެވެ.