ޚަބަރު

ކުޅުދުއްފުށީގައި ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ބާއްވައިފި


ބޮޑު އީދާއި ގުޅުވައިގެން ކުޅުދުއްފުށީގައި "ހަތަރުދަން 1441" މިނަމުގައި 24 ގަޑިއިރު ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ކައިޓްބޯޑިންގއިން އިސްނަގައިގެން އިއްޔެ ހަވީރު ފެށި މިހަރަކާތުގައި 40 އަށްވުރެ ގިނަ ކައިޓު ސާފަރުން ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށީ އެއާޕޯޓު ބީޗް ސަރަހައްދުގައި އިއްޔެ ހަވީރު ފެށި މިހަރަކާތް ނިންމާލީ މިއަދު ހަވީރުއެވެ.

ކުޅުދުއްފުށީ ކައިޓްބޯޑިންގެ އިސް އޮފިޝަލަކު ވިދާޅުވީ، މިޙަރަކާތް ކުރިއަށް ގެންދިޔަ ވަގުތު ސާފަރުން ކަނޑުތެލަގަ އެރުވުމުގައި ހަރަކާތްތެރި ވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ހަވީރު ފެށިގެން ރޭ ދަންވަރާއެކުވެސް ސާފަރުން ކަނޑުތެލަގަ އެރުވުމުގައި ހަރަކާތްތެރިވެފައިވެއެވެ.

ކުޅުދުއްފުށީ ކައިޓްބޯޑިންގ އިން ބުނީ މިހަރަކާތުގެ މައިގަނޑު މަގްޞަދަކީ ގިނަ ކައިޓް ސާފަރުން މިވަގުތު ރަށުގައި ތިބުމާއެކު އީދުގައި ހިތްގައިމު ކުޅިވަރެއް ދައްކާލުން ކަމަށެވެ. އަދި މޫދު ކުޅިވަރަކީ ކުޅުދުއްފުށީގައިވެސް ކާމިޔާބު ކަމާއެކު ކުޅެވިދާނެ ކުޅިވަރެއްކަން އެހެންމީހުނަށް ދައްކާލަ ދިނުމަށް ބޭއްވި ޙަރަކާތެއް ކަމަށެވެ.

ކުޅުދުއްފުށީ ކައިޓްބޯޑިންގް އިން ފާހަގަ ކުރާ ގޮތުގައި ކުޅުދުއްފުއްޓަކީ ގިނަ ސާފަރުން ތިބިރަށެވެ. އަދި ކަނޑުތެލަގަ ދުއްވައިގެން އެކަމުގެ ރެކޯޑްވެސް އޮތް ރަށެއްވެސްމެއެވެ.