ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ޚިދުމަތަށް 15 އަހަރު


އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ މިއަދަށް 15 އަހަރު ވަނީ ފުރިފައެެވެ. 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.

ޓެލްކޮމިއުނިކޭޝަންގެ ޙިދުމަތްދޭން އިތުރު ކުންފުންޏެއް ރާއްޖެއަށް އައުން ވެގެންދިޔައީ އެދާއިރާ އިތުރަށް ކުރިއަރައިގެން ދިޔުމަށް މަގުފަހިވި ކަމަކަށެވެ. ފާއިތުވި 15 އަހަރު ދުވަހުގެތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ސަމާލުކަން ވަތަނިއްޔާއިން ހޯދިއެވެ. ވަތަނިއްޔާގެ ހިތްގައިމު އިޝްތިހާރުތައް އަދިވެސް ދިވެހިންގެ ހަދާނުން ނުފިލައެވެ.

ވަތަނިއްޔާ ވަނީ 2013 ވަނަ އަހަރުގެތެރޭ "އުރީދޫ"ގެ ނަމަށް ރީބްރޭންޑްކޮށްފައެވެ. ދިވެހިންގެ ޚިދުމަތުގައި 15 އަހަރު ފުރުން އުރީދޫ މޯލްޑިވްސްއިން ފާހަގަކުރާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއިން ވަނީ ކާމިޔާބުކަމާއެކު އެތަކެއް މޭލުގާތަކެއް ފުރިހަމަކޮށްފައެވެ. ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވެއެވެ. އުރީދޫން ހާމަކުރާގޮތުގައި ތަސައްވުރާ އެއްގޮތަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ 15 އަހަރު ފުރުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާއި ގުޅުވާލަދޭނެ ކަމަށެވެ.

’ދިވެހިންގެ ޚިދުމަތުގައި މި ހޭދަކުރެވުނު 15 އަހަރުގެ ރާސްތާ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަމުން ދާއިރު، މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން. އަދި ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާއި ގުޅުވާލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންއަރުވަން." އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

15 ވަނަ އަހަރީ ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެކުންފުނިން ވަނީ ހާއްސަ އޮފަރތަކެއްވެސް ތައާރަފްކޮށްފައެވެ. މި އޮފަރތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް %50 އާއި ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރައްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %20 އިތުރު ޑޭޓާ، އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރައްވާ ރީޗާރޖްތަކަށް %15 ބޯނަސް ޑޭޓާ އަދި މީގެ އިތުރުން ސާރކް ގައުމުތަކަށް ކުރައްވާ އައިޑީޑީ ފޯން ކޯލްތަކުން %15 ޑިސްކައުންޓް ލިބިގެންދާނެއެވެ.