ޚަބަރު

ކޯވިޑް-19: މަރުވާ މީހުން މަރުވާން ދޫކޮށްލާށޭ ބުނާ ވިސްނުމުގެ މީހުން އެބަތިބި - އަމީން


ކޯވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެ އެކަމަކާ ހަނގުރަމަކުރަމުންދާ ނުރައްކާތެރި ބަލިމަޑުކަމެކެވެ. މިއީ ޤައުމުތަކުގައި ލައްކައިން މީހުން މަރުވެ މުޅި ސިއްޙީ ނިޒާމުތައް އިނދަޖެހި، އިޤްތިޞާދީގޮތުން ވަރުގަދަ އެތަށް ޤައުމެއް ގޮތް ހުސްވެގެން ގޮސްވާ ނުރައްކާތެރި ޙާލަތެކެވެ.

މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ކޯވިޑް-19ގެ ބަލި ފެތުރެމުން އެބަދެއެވެ. މިވަގުތަށް ޤައުމު އޮތީ ދުނިޔޭގެ މިބަލީގެ ޙާލަތު ގޯސްވެގެން ދިޔަ މިންވަރާ އަޅާބަލާއިރު އެންމެ ދަށް ޙާލަތަކު ނޫނެވެ. މިޙާލަތު ކޮންޓްރޯލްކޮށް، ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ރޭވުންތެރިކަމާއެކު މުހިންމު އެތައް ފިޔަވަޅުތަކެއް އަޅައިފިއެވެ. ޙާލަތު އިންތިހާއަށް ގޯސްވެގެން ނުދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް މިއެވެ. އެހެންނަމަވެސް މިކަމުގެ އެނެމް ބޮޑު ޒިންމާ މިއޮތީ އަހަރަމެން ޢާއްމުންނަށެވެ.

އަބަދުވެސް އިވެނީ މާސްކުއެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ބޭރަށް ދިއުން މަދުކުރުމަށް ޑޮކްޓަރުންދޭ އިރުޝާދުގެ އަޑެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، މިހާރު ބަލި ފެތުރެމުންދާ މިންވަަށް ބަލާއިރު މަހެއްހައި ދުވަހުތެރޭގައި މިހާރުގެ އަދަދު ދެގުނައަށް އިތުރުވެދާނެކަމަށް ލަފާކުރެވޭކަމަށެވެ. ވޭތުވެދިޔަ މަދު ދަވަސްކޮޅަށް ބަލާއިރު ޕޮޒިޓިވްވީ މިހަކާ ގުޅުމެއްނެތް ކޭސްތަކުގެ ނިސްބަތް %40 އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަފްތާއެއްހައި ދުވަހުގެތެރޭގައި ވަކި ކޭހަކާ ގުޅުމެއް ނެތް ކޭސްތަކުގެ ގޮތުގައި 148 ކޭސް ފާހަގަވެފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގިނަ މީހުންގެ ވިސްނުމަކީ މުޅިން ފުރަބަންދަކަށް ދިއުންކަމަށްވިޔަސް މިހާރު އެންމެ މުހިންމީ ޢާއްމުން މިކަމަށް ހޭލުންތެރިވެ ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުންކަމަށެވެ. މިހާރު އޮތް ލުއިތަކަކީ ޢާއްމު ދިރިއުޅުމުގެ ކަންކަމަށް ލުއިފަސޭހަކޮށްދިނުމަށް ދިން ލުއިތަކެއް ނަމަވެސް ފެންނަ މަންޒަރަކީ ލުއިތަކާއެކު، ޤަވާޢިދުތަކުގެމަތިން މީހުން ހަންދާންނެތޭ މަންޒަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ބަލިމަޑުކަން މިއީ ވަރަށް ކުޑަކަމެއްގެ ގޮތުގައި ދެކޭ މީހުންވެސް އަޅުގަނޑުމެންގެތެރޭގައި މަދު ނޫންކަމަށާ، މިއީ ޢާއްމު ރޯގާއެއްހެން ދެކޭ އެތަށްބަޔަކު އެބަތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނަސް ވަރިހަމަ ކޮށްލަންޖެހޭކަމަށް ދެކޭބަޔަކުވެސް އެބައުޅޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް ހަމަ އެންމެ އިންސާނެއްގެ ފުރާނައަކީވެސް ވަރަށް އަގުބޮޑު އެއްޗެއްކަމަށާ، ދިވެހި ސަރުކާރުން މަސައްކަތްކުރަނީ މިބަލީގައި ހަމަ އެކަކުވެސް ޙާލުބޮޑުވިޔަނުދީ ސަލާމަތްކުރުމަށްކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"މިއީ ނުރައްކާ ބައްޔެއް ނޫންކަމަށް ދެކޭ މީހުން އެބަތިބި. ބަލީގައި މަރުވާނެ މީހަކު މަރުވާން ދޫކޮށްލާށޭ، އެވިސްނުމުގައި ތިބި ބަޔަކު އެބަތިބި. ސަރުކާރަށް ކޮންމެ ފުރާނައަކީވެސް ވަރަށް އަގުހުރި ފުރާނައެއް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ބަލި ކޮންޓްރޯލްކުރެވެނީ ޢާއްމު މީހާގެ ވިސްނުން ބަދަލުކޮށްގެންކަމަށެވެ. އެގޮތުން މާސްކު ނާޅައި އުޅޭމީހުން، އެމީހުންގެ ގޭގައި ތިބި ޢާއިލާގެ މީހުންގެ ރައްކާތެރިކަމަށް އެދޭނަމަ އެފަދަ އުސޫލުތަކަށް ބޯލެނބުމަށްދޭ ސަމާލްކަން އިތުރުވާނެކަމަށް ވިދާޅުވިއެވެ. މިފަދަ ކުދިކުދި ކަންކަމަކީ މަޖުބޫރުކޮށްގެން ޢަމަލުކުރަންޖެހޭނެ ކަންކަމުގެ ގޮތުގައި ނުދެކުމަށް މިނިސްޓަރ އަމީން އިލްތިމާސްކުރެއްވިއެވެ.