ޚަބަރު

އެޗްޕީއޭގެ މިންގަނޑާ ޚިލާފުވި އިތުރު 3 ތަނެއް ބަންދުކޮށްފި


ޢާއްމު ޚިދުމަތް ދިނުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ހުރި އިތުރު 3 ތަނެއް މިއަދު ބަންދުކޮށްފިއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލި މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްދޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިއަދު 35 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެޗްއީއޯސީން ވިދާޅުވީ މިއަދު ބަންދުކުރި 3 ތަނުގެ ތެރޭގައި ހިމެނެނީ ދެ ފިހާރައާއި، ސެލޫނެކެވެ.

އެޗްޕީއޭގެ އުސޫލާ ޚިލާފްވި 50 ތަނެއް އިއްޔެވެސް ބަންދުކޮށްފައިވެއެވެ. އަދި އޭގެތެރެއިން ބައެއްތަންތަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިޞްލާޙުކޮށްފައިވާތީ އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

މި އިންސްޕެކްޝަނަކީ ކޯވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވަމުންދާތީ، ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން ޤަވާޢިދަށް ޢަމަލުކުރޭތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޕީއޭ ގުޅިގެން ފެށި އިންސްޕެކްޝަނެކެވެ. އެޗްޕީއޭއިން ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މި އިންސްޕެކްޝަން ކުރިއަށް ގެންދާނެކަމަށެވެ.