ޚަބަރު

ސަލްމާނު ރަސްގެފާނު ހަސްފަތާލުން ދޫކޮށްލައިފި


ކާމިޔާބު އޮޕަރޭޝަނަކަށްފަހު ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާލްސަޢުދު ހަސްފަތާލުން ދޫކޮށްލައިފިއެވެ.

ފިތް ދުޅަވުމުގެ ސަބަބުން ފަރުވާދިނުމަށް ވެރިރަށް ރިޔާޟުގެ ހަސްފަތާލެއްގައި ޢުމުރުފުޅުން 84 އަހަރުގެ ސަލްމާނު ރަސްގެފާނު އެނދުމަތިކޮށްފައިވަނީ ޖުލައި މަހުގެ 20ވަނަ ދުވަހުއެވެ. އެއަށްފަހު ހަށިގަނޑުން ފިތް ނެގުމުގެ އޮޕަރޭޝަނެއްކޮށް، ޖުލައި މަހުގެ 30ވަނަ ދުވަހު ހަސްފަތާލުން ދޫކޮށްލައިފައިވާކަމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ނޫސް އިދާރާއިންވަނީ ބުނެފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ރަސްކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ސަލްމާން ރަސްގެފާނުވަނީ ރިޔާޟުގެ ގަވަރުނަރުކަން 50އަށްވުރެ ގިނަ އަހަރު ކުރައްވައިފައެވެ. އޭނާއަށްފަހު ރަސްކަމާ ޙަވާލުވެވަޑައިގަންނަވާނީ ޢުމުރުފުޅުން 34 އަހަރުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނެވެ.