ކޯވިޑަށް ޕޮޒިޓިވް ނަތީޖާ ލިބިގެން ފްލައިޓުން ބޭލިކުޑަކުއްޖާ ބައްޔަށް ޕޮޒިޓިވް ނުވާކަމަށާއި، އެ ކުއްޖާއާއި އެހީތެރިން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީއިން ވިދާޅުވެއްޖެއެވެ.
އާސަންދައިގެ އެހީގައި ބޭސް ފަރުވާއަށް އިންޑިޔާއަށް ބުދަ ދުވަހު ފުރަން ހަމަޖެހުނު ކުޑަ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްކަމަށް އެންގުމުން އެކުއްޖާއިން ފްލައިޓް ވަނީ ހިފަހައްޓާފައެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤްވަނީ އާސަންދައިގެ ދަށުން ދިވެހިން ބޭރަށް ފޮނުވުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ. އެގޮތުން ބައްޔައް ޓެސްޓްނުކޮށް މީގެ ކުރިން އިންޑިއާއަށް ފޮނުވުމުން ބައެއް ފަރާތްތައް އެ ޤައުމަށް ދިއުމުން ޕޮޒިޓިވް ވެފައިވުމުން އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު އިންޑިއާއަށް ފޮނުވާއިރު ބައްޔަށް ޓެސްޓްކުރާކަން ނަޒްލާ ފާހަގަކުރެއްވިއެވެ.
ޓެސްޓްކުރުމާއި ނަތީޖާ ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރުމުގެ ޕްރޮސެސް އަވަސްކުރުމަށް އަނގަބަހުން ނަތީޖާ ބަލިމީހުންނަށް އަންގާކަންވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން އޮޅުން އަރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ކޯވިޑަށް ޕޮޒިޓިވްވެގެން ފްލައިޓުން ބޭލިކުއްޖާ ބައްޔަށް ޕޮޒިޓިވްވިކަމަށް އެންގުނީވެސް މިފަދަ މައްސަލައެއްގެ ސަބަބުންކަން ޑރ. ނަޒްލާ ހާމަކުރެއްވިއެވެ. އެގޮތުން ކޯވިޑަށް ޕޮޒިޓިވްވެގެން ފްލައިޓުން ބޭލުވި ކުއްޖާ ބައްޔަށް ޕޮޒިޓިވް ނުވާކަމަށާއި، އެ ކުއްޖާއާއި އެހީތެރިން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
"އާސަންދައިގެ ދަށުން އިންޑިއާއަށް ފޮނުވި މީހެއް ޕޮޒިޓިވްވުމުން އެންމެން ފްލައިޓުން ބާލާ ޑިސްއިންފެކްޓްކުރި. ރައްކާތެރިކަން އަބަދުވެސް އިސްކުރަނީ. ކޯވިޑަށް ޕޮޒިޓިވްވެގެން ފްލައިޓުން ބޭލިކުއްޖާ އަސްލު ޕޮޒިޓިވް ވެފައެއް ނުވޭ. އެކަން އަނގަބަހުން އެންގިއިރު އޮޅިފައިވަނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ބޭސް ފަރުވާއަށް ފުރަން ހަމަޖެހިފައި އޮތީ ކުޑަކުއްޖާއާއި އެކުއްޖާގެ މަންމައާއި ބައްޕަ ކަމަށެވެ. ކުޑަކުއްޖާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އަންގާފައިވަނީ ފުބޯޓަށް މީހުން އަރުވާ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށެވެ. އެހެންކަމުން ފަސިންޖަރުން ބޭލުމަށްފަހު ބޯޓު ޑިސްއިންފެކްޓްކޮށް ބޯޓު އިންޑިޔާއަށް ފުރުމަށް އޮތް ގަޑިވެސް ވަނީ ލަސްކޮށްފައެވެ.
އާސަންދައިގެ ދަށުން ތިން ބެޗެއްގައި މީހުން ފޮނުވާލާފައިވާއިރު އެންމެ ފަހު ބެޗްގައި 60 މީހުން އިންޑިއާއަށް ވަނީ ފޮނުވާލާފައިއެވެ. އޭގެތެރޭގައި ހިމެނެނީ ބޭސް ފަރުވާއަށްދާ 28 މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ދަތުރުކުރާ 32 މީހުން ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވި ހުއްދައާއިއެކު، އާސަންދައިގެ ޚަރަދުގައި ބޭސްފަރުވާއަށް އިންޑިއާއަށް ދިވެހިން ފޮނުވަން ފަށާފައިވަނީ ޖޫންމަހުގެ 29 އިން ފެށިގެނެވެ. އެގޮތުން ފުރަތަމަ ބެޗުގައި 28 ބަލިމީހުން، އަދި މިމަހުގެ 14 ވަނަ ދުވަހު 2 ވަނަ ބެޗުގައި 59 ބަލި މީހުން ވަނީ އިންޑިއާއަށްގޮސްފައިވެއެވެ.