ދިވެހިންނަކީ ކޮންމެކަމެއްގައިވެސް އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ދައްކަމުން އަންނަ ބައެކެވެ. އެގޮތުން މިފަހަރު މިބަލާލަނީ، މ. ދިއްގަރަށެވެ.
މ. ދިއްގަރަކީ އެކުވެރިކަމާއި އަވައްޓެރިކަމުގެ ގުޅުމުގެ ލާމަސީލު ނަމޫނާ ދައްކައިދޭ ބައެކެވެ. އަދި ވަކިން ޚާއްސަކޮށް ރަށު ކެއްކުންތަކާއި މަލާފަތް ތައްޔާރުކުރުމުގައި މި އެކުވެރިކަން ފެނިގެންދެއެވެ. ދިއްގަރު ރިހާކުރަކީ، ރާއްޖޭގެ ނަން މަޝްހޫރު އެންމެންގެ މަޤުބޫލު ބްރޭންޑަށް ވެފައިވާއިރު މީގެ އިތުރުންވެސް ދިއްގަރަށް ޚާއްސަ އެތައް އުފެއްދުންތަކެއް މި ރަށުގެ ރައްޔިތު އެންމެން އެކުވެގެން ތައްޔާރުކުރެވެ.
މި ފަހަރު މިޚާއްސަކޮށްލަނީ މި ދިއްގަރު ރައްޔިތުން ވަކި ޚާއްސަ ދުވަސްތަކަށް ތައްޔާރުކުރާ ދިއްގަރު މަލާފަތަށެވެ. މި މަލާފަތް ތައްޔާރުކުރާ އިރު ރަށުތެރެއިން ފެންނާނީ އެކުވެރިކަމާއި، ހޭލަމޭލައަށް ރައްޔިތުން އެކަކު އަނެކަކަށް އެހީވުމަށް އެއްގެއިން އަނެއް ގެޔަށް ތަކެތި ގެނައުމުގައި ހަރަކާތްތެރިވާ މަންޒަރެވެ. މި މަންޒަރު ފެނުމުން އެވޭލާ ޒަމާނުގައި ރަށްފުށުގެ ދިރިއުޅުން ފެނި ހިތައް އުފާވެރިކަން ގެނުވައެވެ.
ދިއްގަރަށް އަޅުގަނޑުކުރި ދަތުރަކީވެސް، މި ފަދަ ޚާއްސަ ދުވަހަކާއި ދިމާވި ދަތުރެވެ. އެހެންކަމުން މިކަމާއި ގުޅޭގޮތުން ރަށުގެ އިސްރަށްވެއްސެއްކަމުގައިވާ ރަތީބާ މުހައްމަދު ކައިރިން އަޅުގަނޑު މަޢުލޫމާތު ސާފުކޮށްލީމެވެ. 80 އަހަރުގެ ރަތީބާ ބުނާގޮތުން މިފަދަ މަލާފަތްތައް ތައްޔާރު ކުރަނީ ރަށުގައި މައުލޫދުކިޔާ ދުވަސްތަކާއި، މަސް ދޯނި ބާލާ ދުވަސްތަކާއި، ޒިކުރު ކިޔަވާ ދުވަސްފަދަ ޚާއްސަ ދުވަސްތަކުގައި ކަމަށެވެ. މިފަދަ ދުވަސްތަކުގައި ރަށު ރައްޔިތުން އެއްވެ މަލާފަތް ތައްޔާރުކުރުމުގެ މަސައްކަތް އެކި ގްރޫޕްތަކަށް ބަހާލައެވެ.
ރަތީބާ ވަނީ ދިއްގަރު މަލާފަތުގައި ހިމެނޭ ބާވަތްތައް ކިޔައިދީފައެވެ. އެގޮތުން ފެން ރޮއްޓާއި، ހަނޑުލު ބޮނޑިބަތާއި، ގަބުޅިމެޓައާއި، ހަނާކުރި މަސް، ކުކުޅު ފަދަ ތަކެތި މި މަލާފަތުގައި ހިމެނެއެވެ.
ދިއްގަރުގައި މިތަކެތި ތައްޔާރުކުރުމުގައި ކުދި ބޮޑު އެންމެން އެކުވެ ހަރަކާތްތެރިވާ މަންޒަރަކީ ހިތަށް އުފާވެރިކަން ގެނުވާ ކަމެކެވެ. މިކަމުގެ އިތުރުންވެސް މި ކެއުން އެންމެ ތަފާތުކޮށްދޭ އެއްކަމަކީ މި ތަކެތި ތައްޔާރުކުރުމަށް ފުނޑާ ހަވާދެވެ. ދިއްގަރުގައި މިދެންނެވި ހަނާކުރި ހަވާދު ތައްޔާރުކުރުމަށްވެސް ވަކި ޓީމެއް ރަށުގެ އެންމެ އިރުމަތި ފަރާތުގައި ހަރަކާތްތެރިވެއެވެ.
- ހުނި
- ހަވާދު
- މިރުސް
މިހަވާދު ތައްޔާރުކުރުމަށް ހުނި ގޭނުމަށްފަހު ހަވާދާއި މިރުސް އެއްކޮށްލާނީއެވެ. އެއަށްފަހު މިތަކެތި އެއްކޮށް ދަވުމަށްފަހު ފުނޑާނީއެވެ. ރަތީބާ ބުނާގޮތުން ރަށުގައި އަދިވެސް މި މަސައްކަތްކުރަނީ އެންމެ އެވޭލާގޮތަށެވެ.
"އަސްލު ރަހަ އެންމެ ރަނގަޅުވާނީ މިކްސްޗަރަށްވުރެ ދައިގައި ފުނޑީމައި. އޭގައި އަސްލު ރަހަ ނިކުންނާނީ. މިކަމަށްޓަކައި މިރަށް މަޝްހޫރުވެފައިވޭ" ރަތީބާ ބުންޏެވެ.
މަލާފަތުގެ ވާހަކަދައްކާއިރު، މި ލިޔުމުގައި މި މަލާފަތުގައި މިރަށަށް ޚާއްސަ ދެތިން ބާވަތެއް ތައްޔާރުކުރާނެ ގޮތް ހިމަނާލުމަކީވެސް މުހިންމުކަމެކެވެ.
ބޮނޑިބަތަކީ، ހަނޑުލާއި، ގޮދަނާއި ސާގާއި ބަނބުކެޔޮ ފަދަ ތަކެތިން ކައްކާ ފޮނިކާއެއްޗެކެވެ. އެހެންނަމަވެސް ދިއްގަރަށް ޚާއްސަވެފައި ވަނީ ހަނޑުލު ބޮނޑިބަތެވެ. މި ބޮނޑިބަތް ތައްޔާރުކުރުމަށް ދިޔާހަކުރާއި، ދޯބުރާލި ހަކުރު (އާދައިގެ ހަކުރު) ބޭނުންކުރެއެވެ. މި ޚާއްސަ ބޮނޑިބަތް ތައްޔާރުކުރާ ގޮތް ފާއިދާ ޔޫނުސް ކިޔާދިނެވެ.
- 2 ލާހި ހަނޑޫ
- 3 ލާހި ހަކުރު
- ކާށިކިރު
- ފެންކިރު
- ފޮނި ތޮށި (މުގުރި)
- ކާފުރު ތޮޅި
- ރާނބާ ފަތް
މި ބޮނޑިބަތް ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ހަނޑޫ ދޮވެ ކާށިކިރު ފެލާނީއެވެ. އެއަށްފަހު ހަނޑޫ ފެންކިރާއެކު އުނދުންމައްޗަށް އުދުމަށްފަހު ރަހަމީރުކުރުމަށް ރަނބާފަތާއެކު ކައްކަން ފަށާނީއެވެ. އަދި ހަނޑޫ ކެކި ފުއްދެމެންދެން ކެއްކުމަށްފަހު ހަކުރު އަޅާނީއެވެ. އެގޮތުން މި ބޮނޑިބަތް ޚާއްސަކޮށްދޭ ދިޔާހަކުރު ނުވަތަ ރަށުގައި ކިޔާގޮތައް ރަކުހަކުރާއެކު ކައްކާނީއެވެ. އަދި އިތުރަށް ރަހަމީރުކުރުމަށް ފޮނި ތޮއްޓާއި، ކާފުރު ތޮޅި ފުނޑުމަށް ފަހު މިއަށް އެއްކުރެއެވެ. މި ބޮނޑިބަތް ކެކުމުން ރީތި ރަތްކުލައެއް އަރާނެކަމަށް ފާއިދާ ބުންޏެވެ.
- 4 ޖޯޑު ގާނާފައިހުރި ޅަ ގަބުޅި ހުނި
- 2 ޖޯޑުހަކުރު
- 1 ސައިސަމުސާ ފޮނިތޮށި ކާފޫރު ތޮޅި (މުގުރި)
- 1 ޖޯޑު މާފެން
މި މެޓާ ތައްޔާރުކުރާނެގޮތް ދިއްގަރު ޒުބޭދާ މުހައްމަދު ކިޔައިދިނެވެ. ތާސް އުދުންމައްޗަށް އުދާފައި ހަކުރާއި ގަބުޅި ހުންޏާއި އެއްކޮށް އަޅާލާށެވެ. ދެން މަޑު ގިނީގައި ދޭފަތުން ހަލަމުން ދާށެވެ. ހަރުވާންފެށުމުން މާފެނާއި ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްފައި ކުލަ ހިފާވަރަށް ކުލަކޮޅެއްވެސް އެއްކޮށްލާށެވެ. ތާހުގެ ކާރިފަށުން ހިކި ދޭފަތުންހަލަމުން ދާއިރު ތާހުގެ ފޫ ފެންނަވަރަށް ހަރުވީމާ އުނދުންމަތިން ބާލާށެވެ. މި މެޓައަކީ ވަރަށް އަވަހަށް ހިކޭ އެއްޗެއްކަމުން ދެން ފެނިގެންދާނީ މެޓާ ދަމަން ކައްކާ މީހުން އަވަސް ވެގެންދާ މަންޒަރެވެ. ދެން ރޮށި ދަމާ ފިލާގައި ބޯކޮށް ދަމާފައި ބޭނުންގޮތަކަށް ކަފާލާނީއެވެ.
މި ދަންނަވާލެވުނީ މަލާފަތުގައި ހިމެނޭ ވަރަށް މަދު ބާވަތްތަކެއް ތައްޔާރުކުރާ ގޮތެވެ. އެހެންނަމަވެސް، މި ތަކެތި ތައްޔާރުކުރާ މަންޒަރުންވެސް މި ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ފެނިގެންދެއެވެ. ކައްކަން ތިބޭ އަންހެންވެރިންނަށް ކަމެއް ބޭނުންވޭތޯ ރަށުގެ ފިރިހެންވެރިން ތިބެނީ ބަލަބަލައެވެ. އަދި މިތަކެތި ތައްޔާރުކުރުމުގައި ހުރިހާ އުމުރެއްގެ މަންޒަރުފެނުމުން މިކަން އިތުރަށް ފުރިހަމަކޮށްދެއެވެ.