މިއަހަރުގެ ހައްޖުގެ އަޅުކަން މިހާރު ފެށިފައި ވާއިރު، ގެފުޅުގެ ކިސްވާ ރޭ ބަދަލުކޮށްފިއެވެ. އެހެން އަހަރުތަކުގައި ގެފުޅުގެ ކިސްވާ ބަދަލު ކުރަމުން އަންނަނީ، ހައްޖު ދުވަހުގައި ނަމަވެސް މިއަހަރު ގެފުޅުގެ ކިސްވާ ބަދަލުކޮށްފައި ވަނީ ހައްޖުވިލޭރޭގައެވެ.
ގެފުޅުގެ ކިސްވާއަކީ ފަށުވީގެ ފޮތިން ވިޔެފައިވާ އަދި ރަނާއި ރިހީގެ ރޮދިން ޒީނަތްތެރިކޮށްފައި އޮންނަ އުރަކޮޅެކެވެ.
ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލު ކުރުމަކީ ހައްޖުގެ އާދަކާދައިގެ ތެރޭގައި ހިމެނިގެން ކުރަމުން އަންނަ ކަމެވެ. މިގޮތުން ހައްޖުމަހުގެ ފުރަތަމަ ދުވަހު ހަރަމްފުޅު ދޮންނައިރު، ކިސްވާ ބަދަލުކުރާއިރު، ފަހުން ކިސްވާ ބަދަލުކުރަމުން އައީ ހައްޖު ދުވަހުގައެވެ.
ކައުބާގެ ކިސްވާ ނުވަތަ އުރަކޮޅު އެޅުވުމަކީ ޢަރަބީންގެ އާދަކާދައެކެވެ. ތާރީޚީ ރިވާޔަތްތަކުގައި ވާގޮތުން އެންމެ ފުރަތަމަ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރަމުން އައީ އަހަރަކު ދެފަހަރުގައެވެ. އެހެން ނަމަވެސް އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، ގެފުޅުގައި އުރަކޮޅު ލައްވަމުން އައީ އަހަރަކު ތިން ފަހަރުއެވެ. އަދި އޭރު ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ނުނަގައި މަތިމައްޗަށް ލަމުން އައުމަށް ފަހުގައި އެކަން ބަދަލު ކުރެއްވީ، އުސްމާނީ ޚިލާފަތުގެ ދުވަސްވަރު ޚަލީފާ ނާސިރެވެ. އޭގެ ފަހުން މިއަދާއި ހަމައަށްވެސް ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ކުރިން އޮތް އުރަކޮޅު ނެގުމަށް ފަހުގައެއެވެ.
ކޮންމެ އަހަރަކުވެސް ހައްޖު މޫސުމާއި ދިމާކޮށް ގެފުޅުގެ ކިސްވާ މައްޗަށް އުފުލައެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ޛުލްޤައިދާ މަހުގައި ކިސްވާ އުފުލަމުން އައިނަމަވެސް މިއަހަރު، ކިސްވާ އުފުލާފައި ވަނީ ހައްޖު މަހުގެ ފުރަތަމަ ދުވަހުގައެވެ.
ގެފުޅުގެ ކިސްވާގެ ބަރު ދަނަކީ 650 ކިލޯއެވެ. ކިސްވާ ވިޔެފައި ވަނީ ކަޅުފަށުވީންނެވެ. ކިސްވާ ޒީނަތްތެރިކުރުމަށް އަޅާފައިވާ ކުރެހުންތަކާއި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ވަނީ ރަނާއި ރިހީގެ ރޮދިންނެވެ. މިގޮތުން ކިސްވާގައި 150 ކިލޯގެ ރަނުގެ ރޮއްޖާއި، 50 ކިލޯގެ ރިހި ރޮދި ބޭނުންކޮށްފައި ވެއެވެ. ކިސްވާގައި 41 ބައި އޮންނައިރު ކޮންމެ ބައެއްގެ ދިގުމިނަކީ 14 މީޓަރެވެ.
މިއަހަރު ކިސްވާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ މައްކާއަށް ވާރޭ ވެހެމުން ދިޔަ ވަގުތުގައެވެ.