ޚަބަރު

ޙައްޖުވެރިންގެ ދިވެހި ރަހަތަކުގެ އެކުވެރިޔާ މިއަހަރު މާޔޫސްކަމުގައި


ކޮންމެ އަހަރެއްގެވެސް އެންމެ މުހިއްމު ދުވަސްވަރަކީ މިއީއެވެ. ދިވެހި އެތައް ޙާޖީއަކަށް ހިދުމަތްކުރުމުގައި އެންމެ ބުރަކޮށް ހޭދަކުރާ ހަފްތާއެވެ. ޙައްޖުވެރިންގެ އަޅުކަމަށް އެއްވެސް ދައްޗެއް ނާރާގޮތަށް ކަންކަން އިންތިޒާމުކޮށް ކޮންމެ ކަމެއް ކައިރިން ބަލާ ކަންކަމުގައި ހޭދަކުރާ ވަގުތުތެކެވެ.

މިއީ ކޮންމެ އަހަރަކުވެސް ދިވެހިން ޙައްޖާޖީނާއި އެކު ޙައްޖަށްދާ ދިވެހި ޝެފެއްގެ ވާހަކައެވެ. ތ. ބުރީނިއަށް އުފަން މަހްމޫދު ރިޔާޒް ކަސްޓަމްސްގައި ހިވާގި ކަމާއި އެކު ހިދުމަތް ކުރަމުން އަންނަތާ މީ 25 ވަނައަހަރެވެ. ޗީފް ކަސްޓަމްސް އޮފިސަރެއް ގެ މަޤާމުގައި މަސައްކަތް ކުރަމުން އަންނަ ރިޔާޒް ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ ރީ އަކީ އެތައް ޙައްޖުވެރިންގެ ގާތްއެކުވެރިއެވެ. ދިވެހި ޙައްޖުވެރިން އަމިއްލަ ވަޒަނާއި ދުރުގައި ތިބޭ މަހެއްހާ ދުވަހު އެމީހުންނާއި ރާއްޖެ އާއި ގުޅުވާލަދޭ އެންމެ މުހިއްމު އެއް އެކުވެރިޔާއެވެ. ގްރޫޕްގެ ޗީފް ޝެފެވެ.

ރިޔާޒަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ގްރޫޕެއްގެ އެހީތެރިއެއްގެ ގޮތުގައި ދާން ފުރަތަމަ ފުރުޞަތު ލިބުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. ފުރަތަމަ ފަހަރަށްވެސް ފުރުސަތު ލިބުނީ ކައްކާއެއްގެ އެހީތެރިއެއްގެ ގޮތުގައެވެ. ރިޔާޒު ބުނީ އޭނާގެ އެ އަހަރުގެ މަސައްކަތް ބަޔަކަށް ފާހަގަވެ ދެވަނަ ފަހަރަށް ފުރުސަތު ލިބިގެން ދިޔައީ އެހެން ޖަމާއަތަކުންނެވެ. މި ފަހަރު އެ ޖަމާއަތުގެ ޗީފް ޝެފްގެ ގޮތުގައެވެ.

ކައްކަން ދަސްކުރީ އަމިއްލައަށް


ރިޔާޒު ބުނީ ކެއްކުމަކީ އޭނާ މާކުރިންވެސް ޝައުގުވެރިކަން ހުންނަކަމެކެވެ. އެހެންނަމަވެސް މިހާތަނަށްވެސް ކެއްކުމުގެ އެއްވެސް ކޯހެއް ނުވަތަ ތަނަކަށް ގޮސްގެން މި ދާއިރާއިން ކިޔަވާފައި ނުވާނެކަމަށެވެ. އެހެންނަމަވެސް އާއްމުކޮށް ދިވެހިން ކައި އުޅޭ ނުވަތަ ދިވެހިންގެ މެދުގައި އަލަށް ތައާރަފުވާ ކެއުންތައް އެއްވެސް އުދަގުލެއްނެތި އެންމެ ރަހަ ހެޔޮވަރުކޮށް ތައްޔާރުކޮށްލުމަކީ ރިޔާޒަށް އެއްވެސް ކަމެއް ނޫންނެވެ.

" ކުރިންވެސް ކެއްކުމަށް ޝައުޤުވެރިކަން ހުރޭ. ގޭގެތެރޭ މިހެން އުޅޭ އިރު ތައްޔާރުކުރަން ބައެއް ތަކެތި އެެހެންވެ ދަސްވީ. ދެން ކުރިން ގޭގައި ބޭބެ މެން ހޮޓާ ހިންގި އޭރު ބައެއް މަސައްކަތުގައި ބައިވެރި ހެދިކާ ހަދާ އުޅުނިން . މިހާރު ހަމަ ކޮންމެ ބާވަތެއްވެސް ތައްޔާރުކޮށްލެވޭނެ. " ރިޔާޒު ކިޔާދިނެވެ.

ޙައްޖުވެރިން އަންނަން ވާއިރަށް ތައްޔާރު


ރިޔާޒު އަންނަނީ ކޮންމެ އަހަރަކުވެސް އޭނާ މަސައްކަތް ކުރާ ޖަމާއަތުން ދާ އުމްރާތަކާއި ޙައްޖުގައިވެސް ބައިވެރިވަމުންނެވެ. މިގޮތުން އަހަރަކު މަދުވެގެން ތިން ފަހަރު ޖަމާއަތާއިއެކު ސައުދީއަށް ދާންޖެހެއެވެ. އަހަރަކު ތިން ފަހަރު ދާންޖެހުމުން އޮފީހުގައި ޗުއްޓީވެސް ނޯންނާތީ ރިޔާޒު ދަތުރުތަކުގައި ބައިވެރި ވަނީ ނޯޕޭ ލީވް ނަގައިގެންނެވެ. ސަބަބަކީ ޙައްޖުވެރިންނަށް ހިދުމަތްކުރުމަށް ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަމެވެ.

ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމް ޖެހުމާއި އެކު މުޅި މީހާގެ އާއްމު ދިރިުއުޅުމަށް ބަދަލުތައް ގެންނަން ޖެހެއެވެ. ޙައްޖަށް މާލެއިން ފުރުމުގެ ކުރިން މައްކާއަށް ގެންދަންޖެހޭ ތަކެތި އަދަދާއިއެކު ލިސްޓް އެކުލަވާލުމާއި މުހިއްމު އެއްވެސް އެއްޗެއް ހަދާންނެތިވެސް ދޫކޮށްނުލާ ގެންދެވޭތޯ ޔަޤީންކުރުމަށެވެ. ޖަމާއަތުން ޙައްޖަށްދާ މީހުން ފުރުމުގެ 10 ވަރަކަށް ދުވަސް ކުރިން އެޑްވާންސް ޓީމުގައި މައްކާއަށް ރިޔާޒު ފުރައެވެ. ޙައްޖުވެރިން އައުމުގެ ކުރިން މައްކާގައި ހޭދަކުރާ 10 ދުވަހަކީވެސް މަސައްކަތް އެއްގޮތަކަށްވެސް ލުއި ދުވަސްތަކެއް ނޫނެވެ.

" އެޑްވާންސްކޮށް ދަނީ. އިހްރާމް ކަނޑާދުވަހު ތަންކޮޅެއް ލުއިވާނެ. އެހެންމަވެސް އޭގެ އަނެއްދުވަހު މަސައްކަތް ފެށޭނެ. ޙައްޖުވެރިން އައުމުގެ ކުރިން ހުރިހާ ޙައްޖުވެރިން ތިބޭ ކޮޓަރިތައް ވަކިވަކިން ބަލާ އިންތިޒާމުތައް ރަނގަޅުތޯ ބަލާނެ. އޭސީ ރަނގަޅަށް މަސައްކަތްކުރޭތޯ ފާހާނާތައް ސާފުތޯ. ކޮޓަރީގައި ކާޕެޓް ސާފުކޮށްފައިވޭތޯ މިހެން ގޮސް ބައިވަރުކަންކަން. ކަމެއް ގޯސްކޮށް ހުރިނަމަ ހޮޓަލުގެ މީހުން ގެނެސް އެކަން ރަނގަޅުކުރަން. އެއަށްފަހު ދެން ކެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަން ފަށަން. ބޭނުންވާ ސާމާނުތައް ތަރުތީބުކޮށް މައްކާއިން ގަންނަން ޖެހޭ އެއްޗެއް ވެއްޖެއްޔާ ގަނެ ހަދަން. އަދި ޙާޖީން ކެއުމަށް ތިބޭނެ މެސްރޫމް ދިވެހިންނަށް ކަމުދާ ގޮތަށް ތައްޔާރުކުރަން " ރިޔާޒު ކިޔާދިނެވެ.

ރިޔާޒުގެ ވާހަކަތަކުން އެނގުނު ގޮތުގައި ޙައްޖުވެރިން މާލެއިން ސައުދީއަށް ފުރަންދާ ވަގުތުން ފެށިގެން އޭނާގެ މަސައްކަތް ރަސްމީކޮށް ފެށުނީއެވެ. ދިގު ދަތުރެއްކޮށް ޙައްޖުވެރިން މައްކާގެ ހޮޓަލާއި ހަމައަށް އަންނަންވާއިރަށް އެދުވަހުގެ ކެއުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރެއެވެ. އާއްމުކޮށް ދަންވަރު ދިވެހިން ދާތީ މަައްކާއަށް އައުމަށްފަހު ރަނގަޅަށް ކައިގެން އިހްރާމް ކަނޑަންދާ ބޭނުންވާ ހުރިހާކަމެއް ހުންނާނީ ތައްޔާރުކޮށްފައެވެ.

ބުރަ އެހެންނަސް ހިތްހަމަޖެހުން ލިބޭ

ޙައްޖުވެރިން އައުމަށް ފަހު އެއްވެސް ވަގުތުކޮޅެއް ހުސްކޮށް ނުދެއެވެ. 24 ގަޑިއިރު ހޭދަވާނީ މަސައްކަތުގައެވެ. މަސައްކަތް ނިންމާލާފައި ކޮންމެ ދުވަހަކުވެސް އޮށޯވެލަން ލިބޭނީ ގިނަވެގެން 3 ގަޑިރެއްހާއިރުއެވެ. އަނެއްކާވެސް އަނެއް ދުވަހުގެ މަސައްކަތް ފެށެއެވެ.

" އުމްރާއަށް ދާއިރު ހުރިހާ ޙާޖީންނަށް ކެއްކުމުގެ ހުރިހާކަމެއް ކުރާނީ އަމިއްލައަށް. ޙައްޖުގައި ދެ އެހީތެރިން ތިބޭނެ. ކޮންމެ ދުވަހަކުވެސް ދިވެހިން އެންމެ ބޭނުންވާ ރަހަތައް ސުފުރާ މައްޗަށް ނެރުމަކީ އެންމެ އިސްކަންދޭ ކަންކަން. އަދި ހުކުރު ފަދަ ދުވަސްތައް ތަފާތުކުރަން. މަސައްކަތުގައި އުޅެންޖެހުމުން ގިނަ ފަހަރަށް ޙަރަމާއި ދާދި ކައިރީގައި ހޮޓާ ހުރިނަމަވަވެސް މިސްކިތައް ނުދެވޭ. ދުވަސްދާގޮތް ވެސް ނޭގޭ" ކޮންމެ ވަގުތެއްގައިވެސް ހުންނާނެ ތަފާތު ވެރައިޓީ. ހަވީރަށް ހެދިކާ ނެރެދެން. " ރިޔާޒު ކިޔާދިނެވެ.

ޙައްޖުގައި ކޮންމެ އަހަރަކުވެސް ކޮންމެ ޖަމާއަަތަކުން ގިނަ އަދަދަށް މީހުން ގެންދާއިރު ދުވަސްވީ މީހުންނާއި ބައެއް ތަކެތި ނުކެވޭ މީހުންވެސް ހިމެނެއެވެ. އެހެންކަމުން އެފަދަ ޙައްޖުވެރިންނަށް ބޭނުންވާ ތަކެތި ވަކިން ތައްޔާރުކޮށް ކޮންމެ ދުވަހަކުވެސް އެ ޚާޖީންނަށް ރިޔާޒު ނެރެދެއެވެ.

ރިޔާޒު ބުނީ އެންމެ މުހިއްމު މަސައްކަތްތައް ފެށެނީ ޙައްޖުގެ އަޅުކަމަށް މައްކާއިން ނުކުންނަ ވަގުތުންނެވެ. ސަބަބަކީ ބޮޑެތި ހަރަދުތަކެއް ކޮށްފަ އަންނަ ދިވެހިންނަށް އެއްވެސް ކަމެއް ދަތިވިޔަ ނުދިނުމަށެވެ. މިނާއަށް ދާން ނުކުންނަށް ދުވަހުވެސް ޙައްޖުވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް ކުރިން އެއްކޮށް ތައްޔާރުކުރަންޖެހެއެވެ. އަދި އެހާ ހޫނުގައި މިނާ ޓެންތްގައި ތިބޭ އިރު ޙައްޖުވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެ ވައްދައެވެ. ރިޔާޒު ބުނީ ޙައްޖުގައި އެންމެ ހަދާނުން ފޮހެލަން ދަތިވާ ވަގުތުތަކީ މިނާ އަދި އަރަފާތު ދުވަހެވެ. މިނާގައި ތިބޭއިރު ދިވެހިންނަށް ހިދުމަތް ދިނުމަށް ކުރާ ދަތުރުގެ ވާހަކަ ރިޔާޒު ކިޔާދީނީ ވަރަށް ހިތްހަމަޖެހުމާއި އުފަލާއި އެކުއެވެ.

" މިނާގައި އާއްމުކޮށް ލިބޭ ކެއުން އެހާ ދިވެހިންނާއި ނުގުޅޭނެ. ގިނައިން މިދަނީ އުމުރުން ދުވަސްވީ މީހުން. އެމީހުންނަށް ބޭނުންވާ ކެއުން ރަނގަޅަށް ހަމަޖައްސާދޭންޖެހޭ. ޓެންޓުން ނުކުމެގެން ގާތްގަޑަކަށް ގަޑިއެއްހާއިރު ހިނގާފައި ގޮސް މިނާއިން ނުކުންނަން. ދެން ކާރެއްގައި ކައްކާ ތަނަށް ގޮސް ދިވެހިންނަށް ބޭނުންވާ ތަކެތި ކައްކައިގެން އައިސް ޓްރޯލީގައި އަތުރައިގެން އަނެއްކާވެސް އެހާއިރު ހިނގާފައި ޓެންޓަށް އެބަ އަންނަން. އަނެއްކާ މަގުތައް ހުންނާނީ ކަތިކޮށް، މައްޗަށް އަރަންޖެހޭނީ ވަރުބަލި ފިލުވަމުން އަރަނީ އެހެންނަމަވެސް ވަގުތު ޖެހެންވާއިރަށް ގެނެސް އަތުރަން " ރިޔާޒު ކިޔާދިނެވެ.

ރިޔާޒު ބުނީ މިއީ ކިތަންމެ ބުރަ ނަމަވެސް މިކަން ކުރަނީ އެންމެ ކުރާ ހިތުންކަމަށެވެ. އަދި މިކަމުގައި އަބަދުވެސް ދެމި ހުރުމަކީ އޭނާ އެންމެ އުފާވާނެކަމެވެ.

މިއީ ހިތްދަތި އަހަރެއް، ހަދާންތައް އާވޭ!

މިހާތަނަށް 2015 އިން ފެށިގެން ކޮންމެ އަހަރަކު ޙައްޖާއި އުމްރާއަށް ދަމުން އަންނަ ރިޔާޒަށް މީ ހިތާމަވެރި މާޔޫސީ ދުވަސްތަކެވެ. ކޯވިޑްގެ ނުރައްކަލުގެ ސަބަބުން ދިވެހި ޙާޖީންނަށް ހިދުމަތްކުރުމަށް ފުރުސަތު ގެއްލުމުންނެވެ. އެތައް ބަޔަކާއި ބައްދަލުވެ ކޮންމެ އަހަރަކުވެސް އުފޭދޭ ގާތްކަން މިއަހަރު ނެތުމުންނެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް ޙައްޖާއި އުމްރާގައި ހޭދަވާ ދުވަސްތަކަކީ ހަޔާތުގައި އުފާވެރި ހިތްހަމަޖެހުން ލިބޭ ދުވަސްތަކެވެ. މި އަހަރު މި އުފާ ނުލިބުނު ނަމަވެސް ކިތަންމެ މަދުން ނަމަވެސް ދިވެހިންނަށް ފުރުސަތު ލިބުމުން ރިޔާޒަށްވެސް ހިތްހަމަޖެހުން ވަނީ ލިބިފައެވެ.

ރޯދަމަހުގެ ފަހު ދިހައިގެ އުމްރާއަށް ދާން ތައްޔާރުވެފައި ހުއްޓާ ފުރުސަތު ގެއްލުނު ރިޔާޒް ހުރީ ކޯވިޑްގެ ކަންކަމުން ސަލާމަތްވެ އަނެއްކާވެސް ދިވެހިންނާއި އެކު މައްކާއަށް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ހބބ

ވ ތަފާތު މީހެއް ?

މަ

جزاك الله خير ❤️

މަ

جزاك الله خير ❤️