ކުޅިވަރު

ބެކަމްގެ ޓީމުން ސުއަރޭޒް ގަތުމަށް މަސައްކަތް ކުރަނީ


ޑޭވިޑް ބެކަމް ހިންގާ އިންޓަމިއާމީ ޓީމުން ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް ގަތުމަށް މަސައްކަތް ފަށައިފިއެވެ.

ނަމަވެސް ސުއަރޭޒް ބޭނުންވަނީ އެމެރިކާ ލީގުގައި ކުޅެން ދިއުމަށްވުރެ ބޮޑަށް ބާސެލޯނާގައި ދެމިހުރުމަށް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެއެވެ.

2014 ވަނަ އަހަރުގެ ވަރލްޑް ކަޕަށްފަހު ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ސުއަރޭޒްއާއެކު ބާސެލޯނާއިން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން މަހަށެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި ވަކި އަދަދަކަށް އޭނާ މެޗު ކުޅެފިނަމަ މި ކޮންޓްރެކްޓް އޮޓެމެޓިކުން އިތުރު އަހަރަކަށް އާވެގެންދާނެއެވެ.

ބާސެލޯނާއިން ސުއަރޭޒް ވިއްކާލުމާމެދު އަދި ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް އެ ޓީމުން ދަނީ އިންޓަމިލާނުގެ އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒް އާއި ޕީއެސްޖީގެ ބްރެޒިލް ފޯވަޑް ނޭމާ ސަންޓޯސް ގަތުމަށް މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން ބާސެލޯނާގެ ސްކޮޑުގައި އުމުރުން ދުވަސްވީ ކުޅުންތެރިން މާބޮޑަށް ގިނަވަމުންދާތީވެ އެކުލަބަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ. ސުއަރޭޒްގެ އުމުރުން މިހާރު ވަނީ 33 އަހަރުވެފައެވެ.